ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ

ގދ. ތިނަދުއަށް ސިޓީގެ ދަރަޖަ ހޯދުމަށް އެ ރަށުގެ އާބާދީގެ އަދަދުތައް އޮޅުވާލާފައިވާ ކަމަށް ބުނާ މައްސަލައިގައި، ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް ޖިނާއީ ދައުވާ ކޮށްދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މައްސަލަ ފޮނުވައިފިއެވެ.

ޕީޖީ އޮފީހުގެ އިސް އޮފިޝަލަކު ވަނީ ފުލުހުން ފޮނުވި މި މައްސަލަ ދިރާސާ ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަން ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް، މޭޔަރު ސައުދުގެ އިތުރުން އެހެން އެއްވެސް ފަރާތަކަށް ދައުވާކުރަން ފޮނުވާފައިވޭތޯ އަދި ސާފެއް ނުވެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ކުރިން ވަނީ މޭޔަރު ސައުދު ސުވާލުކުރުމަށް ފުލުސް އޮފީހަށް ހާޒިރުކޮށްފައެވެ. އަދި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ވަނީ ތިނަދޫ ކައުންސިލް އިދާރާއަށް ވަދެ، ތަހުގީގަށް ބޭނުންވާ ބައެއް ލިޔެކިޔުންތައް ގެންގޮސްފައެވެ. ނަމަވެސް، އާބާދީ އޮޅުވާލި ކަމަށް ކުރެވޭ އެންމެހައި ތުހުމަތުތައް މޭޔަރު ސައުދު ވަނީ ކުރިން ދޮގުކުރައްވާފައެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުން، ރަށަކަށް ސިޓީއެއްގެ ދަރަޖަ ދެވޭނީ މަދުވެގެން 10،000 މީހުންގެ އާބާދީއެއް އޮންނަ ނަމައެވެ. ތިނަދުއަށް ސިޓީގެ ދަރަޖަ ދެއްވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވި ގަރާރަކުންނެވެ. ނަމަވެސް، އެ ދުވަސްވަރު ތިނަދޫގެ އާބާދީއަކީ 8،000 ކަމަށް ބުނެ، އާބާދީގެ އަދަދު ގާނޫނީ މިންގަނޑަށް ހަމަނުވަނީސް ސިޓީގެ ދަރަޖަ ދިން ކަމަށް ތުހުމަތުކޮށް ބައެއް އާންމުން ވަނީ މައްސަލަ ހުށަހަޅާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް