ހިސާން ހުސައިން

 އެމްޑީޕީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ހިސާން ހުސައިން އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އިސްތިއުފާ ސިޓީގައި ހިސާން  ވިދާޅުވެފައިވާ ގޮތުގައި، އެމްޑީޕީގެ އަސާސީ ގަވާއިދު އޮންނަ ގޮތުން ނައިބު ރައީސްގެ މަގާމަކީ އާންމު މެންބަރުންގެ ސީދާ ވޯޓަކުން އިންތިޚާބުކުރާ މަގާމެއް ނޫނެވެ. އެއީ ޕާޓީގެ ރައީސްގެ ހުށަހެޅުއްވުމަށް ގައުމީ މަޖިލީހުގެ ރުހުމާއެކު އައްޔަންކުރާ މަގާމަކަށްވެފައި، އޭނާގެ މެންޑޭޓް ގުޅިފައިވަނީ ނަން ހުށަހެޅުއްވި ޕާޓީގެ އޭރުގެ ރައީސް އަބްދުالله ޝާހިދުގެ މެންޑޭޓާއެވެ. އެހެންކަމުން ޝާހިދު އިސްތިއުފާ ދެއްވުމާ ގުޅިގެން، އާ މެންޑޭޓެއް ނެތި މަގާމުގައި ދެމިހުރުމަކީ ޑިމޮކްރަސީގެ އުސޫލުތަކާ އެކަށީގެންވާ ކަމެއް ކަމަށް ނުދެކޭތީ އިސްތިއުފާ ދެއްވީ ކަމަށް ހިސާން ވިދާޅުވިއެވެ.

ހިސާން އެމްޑީޕީގެ ނައިބު ރައީސްކަމަށް އައްޔަންކުރެއްވީ 2024 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެއީ އޭގެ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ޝިފާޒު މަގާމުން އިސްތިއުފާ ދެއްވައި ޕާޓީން ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ. ރަސްމީ މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް، ޕާޓީގެ އާންމު މެންބަރެއްގެ ހައިސިއްޔަތުން އެމްޑީޕީގެ ކުރިއެރުމަށާއި ޕާޓީއަށް ހިދުމަތްކުރުމުގައި އަބަދުވެސް ދެމިހުންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ހިސާން ވަނީ ޕާޓީގެ ލީޑާޝިޕަށާއި މެންބަރުންނަށް އަރުވާފައެވެ. އަދި މަގާމުގައި ހުންނެވި މުއްދަތުގައި ލިބުނު އެއްބާރުލުމަށް އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.

 ހިސާން އިސްތިއުފާ ދެއްވާފައި މިވަނީ، އެމްޑީޕީގެ ރައީސް ކަމުން އަބްދުﷲ ޝާހިދު ދާދި ފަހުން އިސްތިއުފާ ދެއްވާފައި ވަނިކޮށެވެ. ޝާހިދު އިސްތިއުފާ ދެއްވީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރެއްވުމަށްޓަކައި ރަސްމީކޮށް ކެމްޕެއިން ފެއްޓެވުމުގެ ގޮތުންނެވެ. މީގެއިތުރުން، ޝާހިދުގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އަހުމަދު އަބްދުﷲ ވެސް ވަނީ އިއްޔެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް