ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަގާމަށް ޝުއައިބު ޔޫސުފް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.
ޝުއައިބު މި މަގާމަށް އައްޔަންކުރެއްވީ އެކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ޝުއައިބު ޔޫސުފް ވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ ހުވައި ކުރައްވާފައެވެ. އޭނާއަށް ހުވައިލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިންއެވެ. ހުވައި ކުރެއްވުމަށްފަހު، މަގާމަށް އައްޔަންކުރެއްވި ކަމުގެ ލިޔުން ރައީސުލްޖުމްހޫރިއްޔާ ވަނީ އޭނާއާ ހަވާލުކުރައްވާފައެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސްގެ މަގާމުގައި އަލްއުސްތާޒު އަމްޖަދު މުސްތަފާ އަދި ނައިބު ރައީސްގެ މަގާމުގައި އަހުމަދު މަމްދޫހު ހުންނެވިއިރު، އެ ޓްރައިބިއުނަލްގައި އިތުރު 7 މެންބަރުން ތިއްބަވައެވެ. އެއީ ހިކުމާ އަހުމަދު ނިޒާރު، އަލްއުސްތާޒާ އިޝާރާ އަބްދުލްއަޒީޒު، އަލްއުސްތާޒާ ޝަހީމާ ސަލީމް، އަލްއުސްތާޒާ ސައުސަން އަލީ، އަލްއުސްތާޒާ ފާތިމަތު ސައުސަން، އަލްއުސްތާޒު ހަސަން އިބްރާހިމް އަދި މިއަދު އައްޔަންކުރެއްވި ޝުއައިބު ޔޫސުފެވެ.





