ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓެއްގެ ބެލްކަނީގައި އާންމުންނަށް ފެންނަ ގޮތަށް ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި، ދުވާލުގެ ވަގުތެއްގައި އެޕާޓްމެންޓެއްގެ ބެލްކަނީގައި އަންހެނަކާއި ފިރިހެނަކު ވަނީ ޖިންސީ ގުޅުން ހިންގާފައެވެ. 30،000 އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ ހިޔާ ސަރަހައްދުގައި ހިނގި މި ހާދިސާގެ ވީޑިއޯ އާންމުވުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
މިކަމާ ގުޅިގެން ފުލުހުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހިޔާ ފްލެޓެއްގެ ބެލްކަނީގައި ބަޔަކު ބަދުއަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ އެންމެހައި ކަންކަން ދަނީ ބަލައި ތަހުގީގު ކުރަމުން ކަމަށްވެސް ފުލުހުން މައުލޫމާތު ދެއްވިއެވެ





