މާލޭގެ ގެއެއްގައި ގޭސް ލީކުވުމުގެ ސަބަބުން ހިނގި ހިތާމަވެރި ހާދިސާއެއްގައި، އުމުރުން 51 އަހަރުގެ ދިވެހި އަންހެނަކު މިއަދު ނިޔާވެއްޖެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ރސ 6210 / މާލެ، ޒާހިދާ ތައުފީގު އެވެ.
ދިލްކުޝާ ގޯޅި (ސްކޫޕް ގޯޅި) ތެރޭގައި ހުރި ގެއެއްގައި ދެ މީހަކު ހާލު ދެރަވެފައި އޮތް ކަމުގެ މައުލޫމާތު މިއަދު ހެނދުނު 10:34 ހާއިރު ފުލުހުންނަށް ވަނީ ރިޕޯޓްކޮށްފައެވެ. ގޭހުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ އެ ގޭގައި އުޅުނު ޒާހިދާ އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް ވަނީ ނިޔާވެފައެވެ. މިއަދު ހެނދުނު އެ ސަރަހައްދުގައި ވަރަށް ބޮޑަށް ގޭހުގެ ވަސް ހިފާފައި ހުރިކަން ފާހަގަކުރެވުނެވެ.
މި ހާދިސާގައި ނިޔާވި ޒާހިދާގެ އިތުރުން، އޭނާގެ 19 އަހަރުގެ އަންހެން ދަރިފުޅަށް ވެސް ވަނީ ގޭހުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައެވެ. އެންމެ ފުރަތަމަ އޭނާ އައިޖީއެމްއެޗަށް ގެންދިޔަ ނަމަވެސް، ހާލު ސީރިއަސްވެ، ހައިޕަބެރިކް ޗެމްބާގައި ފަރުވާދޭން ޖެހޭތީ އިތުރު ފަރުވާއަށް މިހާރު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.





