އިގުތިސާދީ ގުޅުން ބަދަހިކުރުމަށް ވަޒީރު ސައީދު ޗައިނާގެ ގަވަރުނަރާ މަޝްވަރާކުރައްވައިފި

ޗައިނާއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅެއްގެ ތެރެއިން، ރާއްޖެއާއި ޗައިނާއާ ދެމެދު ދެމެހެއްޓެނެވި އިގުތިސާދީ ކުރިއެރުން ފުޅާކުރުމާ ގުޅޭގޮތުން އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު، ޗައިނާގެ ހައިނާން ޕްރޮވިންސްގެ ގަވަރުނަރު ލިއު ޝައޯމިންއާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

އިގުތިސާދީ ވުޒާރާއިން މައުލޫމާތު ދިން ގޮތުގައި، މި ބައްދަލުވުމުގައި ދެ ގައުމުގެ މެދުގައި ގާއިމުކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ލިބޭ ފުރުސަތުތަކުގެ އެންމެ ބޮޑު މަންފާ ހޯދޭނެ ގޮތްތަކާއި، ވިޔަފާރީގެ ގުޅުންތައް އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކުރެވުނެވެ.

މި ދަތުރުފުޅުގެ ތެރެއިން ވަޒީރު ސައީދު ވަނީ ހައިކެން ގްރޫޕުގެ އުފެއްދުންތައް ދައްކުވައިދޭ މައުރަޒަށް ޒިޔާރަތްކުރައްވައި، އެ ކުންފުނީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރާއެކު ކާބޯތަކެތީގެ ސަލާމަތްތެރިކަމާއި، ސަރަހައްދީ ދަތުރުފަތުރާއި، އަދި ރާއްޖެއިން ޗައިނާއަށް މަހުގެ ބާވަތްތައް އެކްސްޕޯޓުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން، ހައިކޯ ޝިންހާއި ބަނދަރަށް ޒިޔާރަތްކުރައްވައި، އެ ބަނދަރުގެ އޮޕަރޭޝަންތަކާއި ބިނާރުގެ މަސައްކަތްތައް ބައްލަވައިލައްވައި، ކަނޑުގެ ގުޅުންތަކާއި ބަނދަރުތައް ތަރައްގީކުރުމުގެ ޒަމާނީ އުސްލޫބުތަކުގެ މައުލޫމާތު ހޯއްދެވިއެވެ.

ރާއްޖޭގެ ތަރައްގީގެ މުހިންމު ކަންކަމުގައި ޗައިނާ ސަރުކާރުން ދެމުންދާ އެހީތެރިކަމަށް އިގުތިސާދީ ވުޒާރާއިން ޝުކުރު އަދާކޮށްފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ޒައާމަތުގައި ދެ ގައުމުގެ އިގުތިސާދީ އަދި ވިޔަފާރީގެ ގުޅުން އިތުރު އުސްމިންތަކަކަށް ދަނީ ކުރިއަރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް