އެސެޓް ރިކަވަރީ ބިލުގެ މަގުސަދަކީ ކޮރަޕްޝަން ނެތިކޮށްލުން: ރައީސް

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އެސެޓް ރިކަވަރީ ގާނޫނާއި، އެ ގާނޫނާ ގުޅިގެން ޖިނާއީ އިޖުރާއާތުގެ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ހިންގުމުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން އެއްކޮށް ނެތިކޮށްލެއްވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން އެސެޓް ރިކަވަރީގެ ދާއިރާއިން ކުރި މަސައްކަތްތައް ނާކާމިޔާބުވީ އެ މަސައްކަތްތަކަކީ އިހުލާސްތެރިކަމެއް ނެތި، ސިޔާސީ ވާދަވެރިން މައިތިރިކުރުމުގެ ބޭނުމުގައި ކުރި ކަންކަމަށް ވާތީ ކަމަށެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި މި ސަރުކާރުގެ އަމާޒަކީ ނިޒާމީ ގޮތުން ބޮޑެތި ބަދަލުތަކެއް ގެނެސް، ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގައި މިހާރު ހުރި ގާނޫނީ ހުރަސްތައް ނައްތާލައި، އިދާރާތަކަށް އިތުރު ބާރުވެރިކަން ލިއްބައިދިނުމެވެ.

ކޮރަޕްޝަން އެއްކޮށް ނައްތާލުމަކީ އެކި ދުވަހުން ކުރެވޭނެ ކަމެއް ނޫން ނަމަވެސް، ގާނޫނާ ހިލާފަށް ރައްޔިތުންގެ ފައިސާ ހޯދައިފިނަމަ އެ ފައިސާ އަނބުރާ ދައުލަތަށް ހޯދޭނެ ވަރުގަދަ ނިޒާމެއް ގާއިމުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް