ބިސް ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް: އެސްޓީއޯ

މާލޭގެ ބާޒާރުގައި ބިސް ލިބުން ދަތިވެ، ކަންމަތީ ފިހާރަތަކުން ކަސްޓަމަރުންނަށް ބިސް ވިއްކާ މިންވަރު ކޮންޓްރޯލް ކުރަން ފަށާފައިވާ މި ދަނޑިވަޅުގައި، އެއްވެސް ހުރަހެއް ނެތި އާންމުންނަށް ބޭނުންވާ ވަރަށް ބިސް ފޯރުކޮށްދެމުންދާ ކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހާމަކޮށްފިއެވެ.

މާލޭގެ ގިނަ ފިހާރަތަކުން ހޯލްސޭލް މާރުކޭޓުން ބިސް ލިބުމުގައި ދަތިތަކެއް ހުރި ކަމަށް ބުނި ނަމަވެސް، އެސްޓީއޯގެ ޕީޕަލްސް ޗޮއިސް އަދި ހޯލްސޭލް ސެންޓަރުތަކުން އެއްވެސް ކޮންޓްރޯލެއް ނެތި، ހެޔޮ އަގުގައި ބިސް ގަންނަން ލިބެން ހުރި ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި އިތުރު ޝިޕްމެންޓްތައް ރާއްޖެއަށް ލިބެމުންދާތީ ކުރިއަށް އޮތް ތަނުގައިވެސް ބިހުގެ ދަތިކަމެއް ނާންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެސްޓީއޯއިން ވަނީ ދީފައެވެ.

އާންމުކޮށް ބާޒާރުގައި ތަކެތި ލިބުން ދަތިވާ ހާލަތްތަކުގައި އިސްނަގައިގެން މުދާ އެތެރެކޮށް، އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށް އެސްޓީއޯއިން މަސައްކަތް ކުރެއެވެ. އެގޮތުން ބިހަކީވެސް ސަރުކާރުން އަސާސީ މުދަލުގެ ގޮތުގައި ކަނޑައަޅާފައިވާ 23 ބާވަތުގެ ތެރޭގައި ހިމެނޭ އެއްޗަކަށްވާތީ، ސްޓޮކް ހުސްނުވެ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

މިފަދަ އަސާސީ ބާވަތްތައް މެދުކެނޑުމެއް ނެތި އަގުހެޔޮކޮށް ލިބެމުންދޭތޯ އިގްތިސޯދީ ވުޒާރާއިން މޮނީޓާ ކުރަމުންދާއިރު، ބާޒާރުގައި މުދާ މަދުވާ ނަމަ އެސްޓީއޯއާއި އަމިއްލަ ވިޔަފާރިތައް ގުޅިގެން އަގުތައް އުފުލުނަ ނުދީ ހިފެހެއްޓުމަށް ސަރުކާރުން އަންނަނީ އިސްކަންދެމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް