"ރައްޔިތުންގެ އަޑު" ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު އިތުރު 8 ދާއިރާއަކަށް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ސީދާ ބައްދަލުކޮށް ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ހިޔާލުތައް ހިއްސާކުރުމަށް ފަހިކޮށްދީފައިވާ "ރައްޔިތުންގެ އަޑު" ސިލްސިލާ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ 8 ދާއިރާއަކަށް ސަރުކާރުން ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ކުރި އިއުލާނެއްގައިވާ ގޮތުން މިފަހަރު ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ހެންވޭރު އުތުރު ދާއިރާއާއި، މިލަންދޫ ދާއިރާއާއި، ވެލިދޫ ދާއިރާއާއި، ތުޅާދޫ ދާއިރާއާއި، ފެލިދޫ ދާއިރާއާއި، މުލަކު ދާއިރާއާއި، ނިލަންދޫ ދާއިރާގެ އިތުރުން ގުރައިދޫ ދާއިރާއަށް ނިސްބަތްވާ ރައްޔިތުންނަށެވެ.

މި ބައްދަލުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ރައީސް އޮފީހުގެ ހާއްސަ ޕޯޓަލް https://rayyithungeadu.presidency.gov.mv/ މެދުވެރިކޮށް ނަން ނޯޓުކުރުމުގެ ފުރުސަތު މިހާރު ވަނީ އޮންލައިންކޮށް ހުޅުވާލާފައެވެ. ނަން ނޯޓުކުރުމުގެ އެންމެ ފަހު ތާރީޚަކީ މި މަހުގެ 31 ވަނަ ދުވަހުގެ ރޭ 12:00 އެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، މި ބައްދަލުވުންތަކުގައި ބައިވެރިވުމުގެ އުސޫލާއި އިތުރު ތަފްސީލުތައް އެ އޮފީހުގެ ރަސްމީ ވެބްސައިޓުން ލިބެން ހުންނާނެއެވެ. މިއީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ރައްޔިތުންގެ އެދުންތަކާއި ކަންބޮޑުވުންތައް ސީދާ ރައީސް މުއިއްޒުއާ ހިއްސާކުރުމަށް މަގުފަހިކުރުމުގެ ގޮތުން ކުރިއަށްގެންދާ ހާއްސަ ޕްރޮގްރާމެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް