ތިމަރަފުށީ ފޭސް 2ގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ފަށައިފި

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ތ. ތިމަރަފުށީ ފޭސް 2 ގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ފަށައިފިއެވެ.

މި މަޝްރޫއުގެ ދަށުން ރަށުގެ މައި މަގުތަކުގައި ތާރުއެޅުމާއި، ފެންހިންދާ ނިޒާމު ގާއިމުކުރުމާއި، މަގުބައްތި ޖެހުމުގެ އިތުރުން މަގުތަކުގައި ނިޝާންތައް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

މި މަޝްރޫއަކީ ތިމަރަފުށީގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް ކުރިއެރުން ގެނެސްދީ، މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. ސަރުކާރުން މި މަޝްރޫއު އާރްޑީސީއާ ހަވާލުކޮށްފައިވަނީ 75.7 މިލިއަން ދިވެހި ރުފިޔާއަށެވެ. މި މަސައްކަތުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

އާރްޑީސީން މަޢުލޫމާތު ދޭ ގޮތުގައި މަޝްރޫއުގެ އަމަލީ މަސައްކަތްތައް ތަރުތީބުކުރެވިފައިވަނީ ތަކެތި ހޯދުމާއި، ބިން އެއްވަރުކުރުމާއި، އަދި ޑްރެއިނޭޖް ނިޒާމު އެޅުމުގެ މަސައްކަތްތައް އެކުއެކީގައި ކުރިއަށްދާނެ ގޮތަށެވެ. މި މަޝްރޫއު ނިމުމުން ތިމަރަފުށީގެ މަގުތަކަކީ ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރެވިފައިވާ ރައްކާތެރި މަގުތަކަކަށް ވެގެންދާނެއެވެ

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް