މަޝްރޫއުތަކަށް ކައުންސިލްތަކުން ހުރަސްއެޅުން ބަލައިނުގަނެވޭނެ: ރައީސް

ރަށްރަށުގައި ސަރުކާރުން ހިންގަން ބޭނުންވާ ތަރައްގީގެ މަޝްރޫއުތަކަށް މަގުބޫލު އުޒުރެއް ނެތި ބިން ހަމަޖައްސައިނުދީ، ބައެއް ކައުންސިލުތަކުން ހުރަސްއަޅަމުންދާ މައްސަލައަށް ހައްލެއް ނުހޯދައި އޮތުމަކީ ސަރުކާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ "ނޭޝަން ޗެޓް" ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުންނެވެ. އިދިކޮޅު ފިކުރުގެ އަޣުލަބިއްޔަތު އޮންނަ ބައެއް ކައުންސިލްތަކުން ސިޔާސީ ވިސްނުން އިސްކޮށްގެން، ޒިންމާދާރުކަން ކުޑަކޮށް އަމަލުކުރުމުގެ ސަބަބުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ މުހިންމު ހިދުމަތްތަކާއި މަޝްރޫއުތައް ލަސްވަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.

އަދި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންކަން ކުރެވޭނެ ގޮތްތައް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށާއި، ކައުންސިލްތަކަށް ސަރުކާރާ ދެކޮޅަށް ދެއްކޭނެ އެއްވެސް އުޒުރެއް ނެތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ލާމަރުކަޒީ ގާނޫނަށް ހުށަހެޅުނު އިސްލާހާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ސަރުކާރުގެ މަޝްރޫއަކަށް ބިމެއް ނަގާނަމަ މަޝްވަރާގެ މަރުހަލާއެއް ކުރިއަށްގެންދިިއުން ލާޒިމުކުރުމަށް އެމަނިކުފާނު ލަފާދެއްވާފައިވާނެ ކަމަށެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުން އެ އިސްލާހު ފާސްކޮށްފައިވަނީ ވަޒީރުންގެ މަޖިލީހުން ނިންމައިގެން ކައުންސިލުގެ އިހުތިސާސުން ބިމެއް ވަކިކުރާނަމަ، ކައުންސިލާއެކު މަޝްވަރާކުރުމަށާއި ރައްޔިތުންނަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ލިބޭ ގޮތަށެވެ. މީގެ އިތުރުން، އެފަދަ ބިމެއްގައި ކައުންސިލުން ނުވަތަ އަމިއްލަ ފަރާތަކުން އިންވެސްޓުކޮށްގެން ކުރިއަށްގެންގޮސްފައިވާ ކަމެއް އޮތްނަމަ، އެއަށް ހައްގު ބަދަލު ދިނުންވެސް ގާނޫނީ ގޮތުން ލާޒިމުކޮށްފައިވާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް