ކުށްކޮށްގެން ހޯދާ މުދާ ނެގުމުގެ ބިލަށް އޭސީސީގެ މަރުހަބާ

ޖިނާއީ ބޮޑެތި ކުށްތައް ކޮށްގެން ނުހައްގުން ހޯދާ މާލީ މަންފާއާއި މުދާ ދައުލަތަށް ނެގުމާ ގުޅޭ ގޮތުން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މަރުހަބާ ކިޔައިފިއެވެ.

ފުވައްމުލަކު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަލީ ފަޒާދު ހުށަހެޅުއްވި މި ބިލަކީ، ރާއްޖޭގައި ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި އެޅުނު މުހިންމު އަދި ތާރީޚީ ފިޔަވަޅެއްގެ ގޮތުގައި އޭސީސީން ވަނީ ސިފަކޮށްފައެވެ.

މި ބިލުގެ މައިގަނޑު މަގުސަދަކީ ކުށްކޮށްގެން ހޯދާ މުދަލުން އިތުރު މަންފާއެއް ހޯދުމުގެ މަގުތައް ބަންދުކޮށް، އެފަދަ މުދާ އަނބުރާ ދައުލަތަށް ނެގޭނެ ހަރުދަނާ ގާނޫނީ އޮނިގަނޑެއް ގާއިމުކުރުމެވެ. މި ގާނޫނުގެ ދަށުން ކުށް ސާބިތުވުމުންނާއި، ވަކި ޚާއްޞަ ހާލަތްތަކެއްގައި ކުށް ސާބިތުނުވި ނަމަވެސް، ޕްރޮސެކިއުޓާ ޖެނެރަލްގެ އިރުޝާދުގެ ދަށުން މުދާ ހިފެހެއްޓުމާއި ދައުލަތަށް ނެގުމުގެ ބާރު ލިބިގެންދާނެއެވެ. މީގެއިތުރުން، ގާނޫނު ވުޖޫދުވުމުގެ ކުރިން ކޮށްފައިވާ ކުށްތަކާއި، ރާއްޖެއިން ބޭރުގައި ހިންގާފައިވާ އަމަލުތަކުން ހޯދާފައިވާ މުދަލަށްވެސް މި ގާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.

އޭސީސީން ހާމަކުރި ގޮތުގައި، މި ބިލުގެ ސަބަބުން ގާނޫނާ ޚިލާފަށް މުއްސަނދިކަން ހޯދުން ހުއްޓުވުމަށާއި ދައުލަތުގެ ވަސީލަތްތައް އަންނަން އޮތް ޖީލުތަކަށްޓަކައި ރައްކާތެރިކުރުމަށް މުއައްސަސާތަކުން ކުރާ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެއެވެ. އަދި ރާއްޖޭގައި ގާނޫނުގެ ވެރިކަން ނަގަހައްޓައި އިންސާފު ގާއިމުކުރުމަށްޓަކައި ދައުލަތުގެ އިދާރާތަކާއި ބައިނަލްއަގުވާމީ ބައިވެރިންނާ ގުޅިގެން މަސައްކަތް ކުރުމުގައި ކޮމިޝަން ދެމިއޮންނާނެ ކަމަށްވެސް އޭސީސީން ބުނެފައިވެއެވެ.

މި ބިލުގައިވާ ގޮތުން މަނީ ލޯންޑަރިން، ޓެރަރިޒަމް، ޑްރަގް ޓްރެފިކިން، މީހުން މެރުން، ކޮރަޕްޝަން، ޖިންސީ ކުށްތަކުގެ އިތުރުން 500،000 ރުފިޔާއިން މަތީގެ ޓެކްސް މަކަރާއި 100،000 ރުފިޔާއިން މަތީގެ ވައްކަމާއި ފޭރުން ފަދަ ކުށްތަކުން ހޯދާ މުދާ ދައުލަތަށް ނެގޭނެއެވެ. ގާނޫނަށް އަމަލުކުރަން Start ކުރާތާ މަސްދުވަހުގެ ތެރޭގައި "އެސެޓް މެނޭޖްމަންޓް އޮތޯރިޓީ" އެއް އަދި 60 ދުވަހުގެ ތެރޭގައި "ރިކަވާޑް އެސެޓް ފަންޑު" ގާއިމުކުރަންޖެހޭއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިއީ ދައުލަތުގެ މުދާ އަނބުރާ ހޯދުމުގައި ހުރި ގާނޫނީ ހުރަސްތަކަށް ލިބުނު ދާއިމީ ހައްލެއް ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް