އއ. މަތިވެރި ސްކޫލުގައި އިމާރާތް ކުރާ 12 ކުލާސްރޫމާއި މަލްޓިޕާޕަސް ހޯލުގެ މަސައްކަތުގެ ތެރެއިން ދެވަނަ ފަންގިފިލާގައި ސިމެންތި ޖެހުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
ތައުލީމީ ވުޒާރާއިން މިދިޔަ އޭޕްރީލް މަހު އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއުގެ ދަށުން، މިހާރު ދަނީ ފެންވައިރު ކުރުމާއި، ފާރުތަކުގައި ކަރަންޓު ހޮޅި އެޅުމުގެ އިތުރުން ސީލިންގް ކުރުމަށްޓަކައި ލަކުޑި އޮނިގަނޑު އެޅުމުގެ މަސައްކަތްތައްވެސް ކުރަމުންނެވެ.

މަތިވެރި ސްކޫލުގެ އިތުރުންވެސް، ރާއްޖޭގެ ގިނަ ރަށްރަށުގެ ސްކޫލްތައް ތަރައްގީކުރުމުގެ ބޮޑެތި މަޝްރޫއުތަކެއް ސަރުކާރުން ދަނީ ހިންގަމުންނެވެ.
މި މަސައްކަތްތައް އެމްޓީސީސީގެ އިތުރުން ފެނަކަ އަދި އާރުޑީސީ ފަދަ ކުންފުނިތަކާ ހަވާލުކޮށްގެން ކުރިއަށްދާއިރު، ތައުލީމީ ދާއިރާގެ ފެންވަރު މަތިކުރުމަށްޓަކައި ސްކޫލްތަކުގެ ކުލާސްރޫމްތައް އޭސީ ކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ.





