ޕީއެންސީގެ މެންބަރުންގެ އަދަދު 70،000 އަށް

ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މެންބަރުންގެ އަދަދު 70،000 (ހަތްދިހަ ހާސް) އަށްވުރެ އިތުރުވެ، އެ ޕާޓީއަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއަށް ވެއްޖެއެވެ.

އެ ޕާޓީން މައުލޫމާތުދޭ ގޮތުގައި، އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕީއެންސީގެ ބޮޑު ކޮންގްރެސްއަށް ތައްޔާރުވުމުގެ ގޮތުން ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ ޚާއްޞަ ހަރަކާތްތަކެއް ފަށާފައިވާ ކަމަށާއި، މިހާރު ޕާޓީގެ ދަފްތަރުން 70،000 އަށްވުރެ ގިނަ މެންބަރުން ފެންނަން އެބައޮތް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ އެންމެ ފަހުގެ ރަސްމީ އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު، މިދިޔަ ޖޫން މަހުގެ ނިޔަލަށް ޕީއެންސީގައި ރަޖިސްޓްރީވެފައި ތިބީ 67،579 މެންބަރުންނެވެ. ނަމަވެސް ސިޔާސީ ޕާޓީތަކަށް ވަނުމުގެ ނިޒާމަށް ގެނެވުނު ބަދަލާއެކު، މިހާރު ޕާޓީތަކަށް ވަންނަން ފޯމު ހުށަހަޅަން ޖެހެނީ އީސީގެ "މައި-ޕޯޓަލް" މެދުވެރިކޮށެވެ. އީ-ފާސް ބޭނުންކޮށްގެން ސީދާ އީސީއަށް ފޯމު ހުށަހެޅުމުން، ޕާޓީން ކުރަންޖެހޭ ހަމައެކަނި ކަމަކީ އެ މެންބަރަކު އިންތިޚާބުކުރިކަން އެޕްރޫވް ކުރުމެވެ. މި އުސޫލުގެ ސަބަބުން ކުރިން ކަރުދާސް ފޯމުތައް ހުށަހެޅުމުގައި ދިމާވި އޮޅުވާލުމާއި މައްސަލަތައް ތަކުރާރު ނުވާނެކަން ފިރުޒުލް ފާހަގަކުރެއްވިއެވެ. އީސީން މެންބަރުންގެ އަދަދު ރަސްމީކޮށް އަޕްޑޭޓް ކުރާނީ އެ ފޯމުތައް ވެރިފައިކުރުމުގެ މަރުހަލާ ނިމުމުންނެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު އިތުރުކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާއިރު، އެ ޕާޓީގެ ޤައުމީ ކޮންގްރެސް ބޭއްވުމަށް ނިންމާފައިވަނީ އަންނަ މަހުގެ 15 އިން 18 ގެ ނިޔަލަށެވެ. މި ކޮންގްރެސްގައި ޕާޓީގެ އެކި މަގާމުތަކަށް ބޭފުޅުން އިންތިޚާބުކުރުމާއި، ޕާޓީގެ އަސާސީ ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ އިތުރުން ޕާޓީގެ ސިޔާސީ ހިންގުން އިތުރަށް ހަރުދަނާކުރުމަށް މުހިންމު ނިންމުންތަކެއް ނިންމުމަށް ވަނީ ހަމަޖެހިފައެވެ. ސަރުކާރު ހިންގާ ޕާޓީގެ ގޮތުގައި އޮތް ޕީއެންސީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕާޓީގެ ގޮފިތައް ހަދައި، ސިޔާސީ ހަރަކާތްތައް ފުޅާކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް