އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަޒީޒު އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

ރާއްޖޭގެ ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރު އަދި މިހާރުގެ ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރު އަލުން އެ މަގާމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ރުހުން ދީފައެވެ. މަޖިލީހުގެ ޖަލްސާގައި އަޒީޒަށް ރުހުން ދިނުމަށް ފާސްކުރީ 47 މެންބަރުންގެ ވޯޓުންނެވެ. އޭނާ އައްޔަންކުރަން ނުފެންނަކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.

މިހާރުގެ އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދުގެ ފަސް އަހަރުގެ ދައުރު އަންނަ މަހުގެ 6 ވަނަ ދުވަހަށް ހަމަވާތީ، އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވީވެސް އަޒީޒުގެ ނަންފުޅު އެކަންޏެވެ. އަޒީޒަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެ ކޮމިޝަން އުފެއްދެވުމަށްފަހު އައްޔަންކުރެއްވި ފުރަތަމަ ކޮމިޝަނަރެވެ. މީގެއިތުރުން އޭނާއަކީ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރުކަން ކުރައްވައި، ތައުލީމީ ދާއިރާއާއި ދިވެހި ބަހާއި އަދަބިއްޔާތަށް ގިނަ ހިދުމަތްތަކެއް ކުރައްވައިގެން 2020 ވަނަ އަހަރު ގައުމީ އިނާމު ހޯއްދަވާފައިވާ ބޭފުޅެކެވެ.

އަޒީޒު އަލުން އެ މަގާމަށް އައްޔަންކުރުމާ ގުޅިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސް ފަދަ ޖަމިއްޔާތަކުންނާއި އާންމުންގެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެފަރާތްތަކުން ކަންބޮޑުވުން ފާޅުކުރީ، އިންފޮމޭޝަން ކޮމިޝަނަރުގެ ފުރަތަމަ ދައުރުގައި ކޮމިޝަނަށް ހުށަހެޅުނު ގިނަ މައްސަލަތަކެއް ބޭރުކޮށްލާފައިވާތީއާއި، ގިނަ އަޑުއެހުންތަކެއް ސިއްރުކޮށްގެން ބާއްވާފައިވާތީއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް