ޓެރެރިޒަމަށް ވާގިވެރިވާ ގައުމުތަކުގެ ލިސްޓުން ނުވަތަ "ސްޓޭޓް ސްޕޮންސާސް އޮފް ޓެރަރިޒަމް" ލިސްޓުން ސީރިއާ އުނިކުރުމަށް އެމެރިކާއިން ނިންމި ނިންމުމަށް ދިވެހި ސަރުކާރުން ވަނީ މަރުހަބާ ކިޔާފައެވެ. ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި، ސީރިއާގެ ރައްޔިތުންނަށް ދެމެހެއްޓެނިވި އަމަންއަމާންކަމާއި ފާގަތިކަމަށް އެދި ހެޔޮއެދުންތައް އަރިސްކުރައްވަމުން، މި ނިންމުމުގެ ސަބަބުން ސީރިއާ އަލުން އާރާސްތުކުރުމުގެ މަސައްކަތަށް ބާރަކަށްވެ، އާންމުންގެ ދިރިއުޅުމާއި އާމްދަނީގެ ފުރުސަތުތައް ރަނގަޅުވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް ވަނީ ބުނެފައެވެ.
ރާއްޖެއިން އަބަދުވެސް ސީރިއާގެ ސިޔާދަތާއި މިނިވަންކަމަށް ތާއީދުކުރާނެ ކަމަށާއި، އެ ގައުމުގެ ރައްޔިތުންގެ ބައިވެރިވުމާއެކު ކުރިއަށްދާ ސުލްހަވެރި ހިންގުމުގެ ނިޒާމަކަށް ތާއީދުކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ކުރިން ހަޔާތުއް ތަހްރީރު އައް ޝާމް (އެޗްޓީއެސް) ވެސް ބައިނަލްއަގުވާމީ ޓެރެރިސްޓް ޖަމާއަތްތަކުގެ ލިސްޓުން އުނިކޮށް، އެކަމާ ގުޅޭ ފިޔަވަޅުތަކަށް ލުއިދީފައެވެ. ސީރިއާގެ 13 އަހަރުވީ ދާހިލީ ހަނގުރާމައަށްފަހު ޑިސެމްބަރު 2024 ގައި ބައްޝާރު އަލްއަސަދު ވެރިކަމުން ދުރުކުރުމަށްފަހު، އެޗްޓީއެސްގެ ލީޑަރު އަހުމަދު އަލްޝަރާ ވަނީ އެ ގައުމުގެ ރައީސްކަމާ ހަވާލުވެވަޑައިގެންފައެވެ.





