ކައުންސިލްތަކުގެ އިހްތިސާސްގައިވާ ބިންތަކާއި ތަންތަން ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަށް ވަޒީރުންގެ މަޖިލީހަށް އަތުލެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ވަނީ 47 މެންބަރުންގެ ވޯޓާއެކު ފާސްކޮށްފައެވެ. ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މި ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 12 މެންބަރުންނެވެ.
މި އިސްލާހުގެ ދަށުން ސަރުކާރުގެ ތަރައްގީގެ މަޝްރޫއެއް ހިންގުމަށްޓަކައި ކައުންސިލެއްގެ އިހްތިސާސްގެ ތެރޭގައިވާ ބިމެއް ނުވަތަ ތަނެއް ކައުންސިލްގެ އިހްތިސާސުން ވަކިކުރުމުގެ ފުރިހަމަ ބާރު ވަޒީރުންގެ މަޖިލީހަށް ލިބިގެންވެއެވެ. އަދި ވަޒީރުންގެ މަޖިލީހުން އެގޮތަށް ނިންމައި، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކައުންސިލަށް އެންގުމާއެކު އެ ބިމެއް ނުވަތަ ތަނެއް ކައުންސިލްގެ މިލްކިއްޔާތުން ވަކިވެ، ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ތަނަކަށް ބަދަލުވެގެންދާނެއެވެ.
މި ބިލު ދިރާސާކުރި ކޮމިޓީ މަރުހަލާގައި ގެނެވުނު އިސްލާހުތަކުގެ ތެރޭގައި، ސަރުކާރަށް ނަގާ ބިމަކަށް ކައުންސިލުން ނުވަތަ ތިންވަނަ ފަރާތަކުން ކޮށްފައިވާ އިންވެސްޓްމަންޓަކަށް އެކަށީގެންވާ މާލީ ބަދަލެއް ދޭންޖެހޭ ގޮތަށް ވަނީ ހިމަނާފައެވެ. މީގެއިތުރުން، ބިމެއް ނުވަތަ ތަނެއް ވަކިކުރުމުގެ ކުރިން އެކަމުގެ މައުލޫމާތު އާންމުކޮށް، ކައުންސިލްގެ ހިޔާލާއި މަޝްވަރާ ހޯދުމުގެ އިތުރުން، ޝަކުވާއެއް އޮތްނަމަ ހުށަހެޅުމަށް 14 ދުވަހުގެ މުއްދަތެއް ދޭންޖެހޭނެއެވެ.





