އުޅަނދުތަކުގެ އުމުރު 20 އަހަރަށް ކުރުކޮށް، ބޮޑެތި ފީތަކާއި ޖޫރިމަނާތަކެއް ހިމަނައި އެއްގަމު ދަތުރުފަތުރުގެ ގަނޫނަށް ބަދަލުގެނެސް ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނާއެކު ރާއްޖޭގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ. މި ގާނޫނުގެ ދަށުން ތާރީހީ ގޮތުން މުހިންމު ހާއްސަ އުޅަނދުތައް ފިޔަވައި، އެހެން އެއްގަމު އުޅަނދުތައް ބޭނުންކުރެވޭނެ އެންމެ ދިގު މުއްދަތަކީ އުފެއްދި ތާރީހުން ފެށިގެން 20 އަހަރު ކަމުގައި ވަނީ ކަނޑައަޅާފައެވެ. އަދި 20 އަހަރުގެ މުއްދަތު ހަމަވުމުން އެ އުޅަނދެއްގެ ރަޖިސްޓްރީ އަމިއްލައަށް ބާތިލުވާނެއެވެ.

މާލެ ސަރަހައްދުގެ ޓްރެފިކް މައްސަލަތައް ހައްލުކުރުމުގެ ގޮތުން "ގްރޭޓާ މާލެ ޓްރާންސްޕޯޓް އޮފީސް" ގެ ނަމުގައި ވަކި އޮފީހެއް އުފައްދައި، މާލެ ސަރަހައްދުގައި ރަޖިސްޓަރީ ކުރެވޭނެ އުޅަނދުގެ އަދަދު ކަނޑައެޅުމުގެ ބާރު ވަނީ ދީފައެވެ. މީގެ އިތުރުން ޓްރެފިކް ފުލުހުން އޮޕަރޭޓްކުރާ ހާއްސަ ޓްރެފިކް މެނޭޖްމަންޓް ސެންޓަރެއް ގާއިމުކުރުމާއެކު، ދަތުރުފަތުރުގެ ކަންކަން ރާވައި ހިންގުމަށް ހާއްސަ "ލޭންޑް ޓްރާންސްޕޯޓް މޮބިލިޓީ ފަންޑު" އެއް އުފެއްދުމަށްވެސް ގާނޫނުގައި ވަނީ ހިމަނާފައެވެ.

އާ ގާނޫނުގައި މަލްޓިޕަލް އޯނާޝިޕް ފީއެއް ވަނީ ތައާރަފުކޮށްފައެވެ. އެއީ އެކަކު ނުވަތަ ކުންފުންޏެއްގެ ނަމުގައި ދެ އުޅަނދަށް ވުރެ އިތުރުވާ ނަމަ، އިތުރުވާ ކޮންމެ އުޅަނދެއްގެ އިންޖީނު ކެޕޭސިޓީއަށް ބަލައި އަހަރީ ފީއެއް ނެގުމެވެ. އަދި ބޮޑެތި ސައިކަލުތަކާއި ކާރުތަކުގެ އަހަރީ ފީތައް ކުރިއަށް ވުރެ ބޮޑުކޮށްފައިވާއިރު، އަމިއްލަ ނަންބަރު ނުވަތަ އަކުރު ޖެހުމަށް ހާއްސަ ބޮޑެތި ފީތަކެއް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން ކޮންމެ އުޅަނދެއްވެސް ރަޖިސްޓްރީ ކުރެވޭނީ އިންޝުއަރެންސް ކޮށްގެން ކަމަށްވާއިރު، އިންޝުއާ ނުކޮށް ދުއްވައިފިނަމަ 1,000 ރުފިޔާއާއި 3,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

މަގުމަތީގެ ސަލާމަތާއި ގަވާއިދުތައް ހަރުދަނާކުރުމަށްޓަކައި، ގާނޫނަށް އަމަލުކުރަން ފަށާތާ ދެ އަހަރު ތެރޭގައި ފުލުހުން ޑީމެރިޓް ސިސްޓަމެއް ތައާރަފުކުރާނެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ޕާކިން ސްލޮޓްތަކުގައި ގަވާއިދާ ހިލާފަށް ޕާކުކުރުމާއި، ސައިކަލުގައި އިތުރަށް މީހުން އުފުލުމާއި، ދުއްވަމުން ސިގަރޭޓް ބުއިމާއި، ގަވާއިދާ ހިލާފަށް މަގު ހުރަސްކުރުން ފަދަ ކަންކަމަށް ވަނީ ޖޫރިމަނާ ކަނޑައަޅާފައެވެ. ބަސް އަދި ޓެކްސީ ފަދަ އާންމު ހިދުމަތްދޭ އުޅަނދުތަކުން ގަވާއިދާ ހިލާފުވެއްޖެނަމަ 15,000 ރުފިޔާއާއި 30,000 ރުފިޔާއާ ދެމެދުގެ ބޮޑެތި ޖޫރިމަނާތަކެއް ކުރެވޭނެއެވެ. މީގެ އިތުރުން ދިވެހި ލައިސެންސް އޮންނަ މީހުންނަށް ބައިނަލްއަގުވާމީ ލައިސެންސާއެކު ބޭރު ގައުމުތަކުގައި ދުއްވޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު، ބޭރު ގައުމުތަކުގެ ލައިސެންސް އޮންނަ މީހުންނަށް ރާއްޖޭގައި 90 ދުވަހާ ހަމައަށް ދުއްވޭނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް