ކަޅުބާޒާރުގެ ޑޮލަރު ރޭޓް އާންމުކުރުން މަނާކޮށް އަދި ރިސޯޓު އާމްދަނީގެ %40 މާރުކުރަން މަޖުބޫރުކުރާ ބިލު ފާސްކޮށްފި

މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑުކޮށް ކަޅުބާޒާރުގައި ބޭރު ފައިސާ ވިއްކާ ރޭޓުތައް ޝާއިއުކުރުން މަނާކުރުމާއި، ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރުން މަޖުބޫރުކުރާ ބޭރު ފައިސާއާ ބެހޭ ބިލު 47 މެންބަރުންގެ އަޣުލަބިއްޔަތުން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މި ބިލާ ގުޅޭ މުހިންމު ތަފްސީލުތައް:

  • ރިސޯޓުތަކުގެ ޑޮލަރު މާރުކުރުން: ކުރިން ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު ނުވަތަ އާމްދަނީގެ 20 އިންސައްތަ މާރުކުރަން އޮތް މާއްދާ އިސްލާހުކޮށް، ފާސްކުރީ ރިސޯޓުތަކުގެ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ކޮންމެ މަހަކު އެއްފަހަރު ބޭންކުތަކަށް މާރުކުރަންޖެހޭ ގޮތަށެވެ.

  • ކަޅުބާޒާރުގެ ރޭޓް އިޝްތިހާރުކުރުން މަނާކުރުން: އެމްއެމްއޭގެ ރޭޓަށްވުރެ ބޮޑުކޮށް ޑޮލަރު ގަނެވިއްކާ ރޭޓުތައް ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ނުވަތަ އެނޫންވެސް ގޮތަކުން އާންމުކުރުމާއި، ޝާއިއުކުރުމާއި އަދި ފެތުރުމަކީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

  • އާންމު ފަރުދުންގެ ޖޫރިމަނާ: މިފަދަ އަމަލެއް ކުރާ އާންމު ފަރުދުން 25,000 ރުފިޔާއާއި 500,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

  • ވިޔަފާރިތަކުގެ ޖޫރިމަނާ: ގާނޫނީ ޝަހުސަކުން ނުވަތަ ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއަކުން މައުލޫމާތު އާންމުކޮށްފިނަމަ 100,000 ރުފިޔާއާއި 5,000,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

  • ޖިނާއީ ދައުވާ އުފުލުން: އިދާރީ ފިޔަވަޅުތަކުގެ އިތުރުން، އެހެން ގާނޫނަކުން މަނާކޮށްފައިވާ ޖިނާއީ ކުށެއްނަމަ އެ ފަރާތެއްގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމުގެ އިހުތިޔާރު ވެސް ލިބިގެންވެއެވެ.

މި އިސްލާހުތަކަކީ ރާއްޖޭގެ ބޭރު ފައިސާގެ ނިޒާމު ހަރުދަނާކުރުމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ގެންނަވަން ނިންމެވި ބަދަލުތަކާ އެއްގޮތަށް ފާސްކުރެވުނު ކަންކަމެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް