27 އެޕްރިލް 2026 ގައި އަދަދު ނޫހުގެ އޮފީސް ބަލައި ފާސްކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތަކެތި އަނބުރާ ހޯދުމަށް އެ ނޫހުގެ ފަރާތުން ހުށަހެޅި މައްސަލައިގައި، އެ ތަކެތި ދޫކުރުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ. އަދަދު ނޫހުން ކޯޓުގައި ވަކާލާތުކުރީ އެ ތަކެތި ހިފަހައްޓާފައިވަނީ ގާނޫނުއަސާސީން ލިބިދޭ އަސާސީ ހައްގުތަކާ ހިލާފަށް ކަމަށް ބުނެއެވެ.
ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކޯޓުގައި ބުނެފައިވާ ގޮތުގައި:
-
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 20 އައިޓަމްގެ ތެރެއިން 15 އައިޓަމެއް މޭ 17 ގައި ވަނީ އަދަދު ނޫހާ ހަވާލުކޮށްފައެވެ.
-
ހަވާލުނުކުރެވި ބާކީ ހުރީ އެޕަލް މެކްބުކް ޕްރޯ އަކާއި، މެކްބުކް އެއާ އަކާއި، ލެޕްޓޮޕް ޗާޖަރެކެވެ.
-
އެ ތަކެތި ހަވާލުނުކުރެވި ވަނީ ޑިވައިސްތަކުގެ ޕާސްވޯޑު ނުލިބުމުގެ ސަބަބުން ތަހުގީގު މަރުހަލާ ފުރިހަމައަށް ނުނިމޭތީއެވެ.
ކްރިމިނަލް ކޯޓުން ނިންމެވީ ފުލުހުން އަދަދު ނޫހުގެ އޮފީސް ބަލައި ފާސްކޮށް ތަކެތި ގެންގޮސްފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ އެއްގޮތަށް ކަމަށެވެ. އަދި ތަހުގީގު މަރުހަލާ ނުނިމެނީސް އެ ތަކެތި ދޫކޮށްފިނަމަ ތަހުގީގަށް އަސަރުކުރުމުގެ ފުރުސަތު އޮތުމުން، އެ ތަކެތި އަނބުރާ ދޫކުރުމަށް އަމުރުކުރާނެ ގާނޫނީ އަދި ޝަރުއީ ހަމައެއް ނެތް ކަމަށް ވަނީ ކަނޑައަޅާފައެވެ.





