އެހެން މީހަކަށް އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑުން ދޫކޮށްފައިވާ ފާހެއް ބޭނުންކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް (ވީއައިއޭ) ވަންނަން އުޅުނު އިންޑިއާގެ ރައްޔިތަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 45 އަހަރުގެ ސަންޖީވާ ރެއްޑީ ޔެލްމާ ނަމަކަށް ކިޔާ މީހެކެވެ. އޭނާގެ މައްޗަށް ކުރަނީ ހުއްދަނެތި ތަނަކަށް ވަދެ އުޅުމުގެ ތުހުމަތެވެ.
ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ކަސްޓޯޑިއަލް ޖަލެއްގައި ބަހައްޓައިގެން ތަހުގީގު ކުރިއަށްގެންދިއުމަށް އަމުރުކޮށްފައެވެ.
ކޯޓު އަމުރުގައިވާ ގޮތުން، ސަންޖީވާ އެއާޕޯޓަށް ވަންނަން މަސައްކަތްކޮށްފައިވަނީ އެއާޕޯޓުގެ އިރުމަތީ ފަޅީގައި އޮންނަ 51 ނަންބަރު ގޭޓުންނެވެ. އޭނާއަކީ ގާނޫނީގޮތުން ގަވާއިދާ އެއްގޮތަށް ރާއްޖޭގައި ވަޒީފާ އަދާކުރަމުންދާ މީހެއް ނަމަވެސް، އެއާޕޯޓަށް ވަންނަން ބޭނުންކޮށްފައިވަނީ ވޯކް ވިސާ ކެންސަލްކޮށްފައިވާ އެހެން ބިދޭސީއަކަށް ދޫކޮށްފައިވާ ފާހެކެވެ.
މި މައްސަލައިގައި ސަންޖީވާ ކޯޓުގައި ބުނެފައިވަނީ އޭނާ ބޭނުންކުރި ފާހަކީ އޭނާގެ "ބޮސް" ދިން ފާހެއް ކަމަށެވެ. ނަމަވެސް، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް ކުރިކަމަށް ބެލެވޭ ފުދުންތެރި ހެކި ހުށަހެޅިފައިވާކަމަށް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.





