ކުޑަ އިންޓްރެސްޓް ރޭޓެއްގައި ބޯހިޔާވަހިކަމަށް ލޯނު ދޫކުރުމަށް ހުޅުވާލި "ހިޔާވަހި" ފައިނޭންސިންގް ސްކީމުގެ ދަށުން މިހާތަނަށް 244 މީހަކަށް ލޯނު ދޫކޮށްފައިވާއިރު، އިތުރު 629 މީހަކަށް ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ލޯނު ދޫކުރާނެ ކަމަށް ހައުސިންގް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް މުހައްމަދު ވަނީ ވިދާޅުވެފައެވެ. މި ސްކީމަށް ހުށަހެޅި 2,256 އެޕްލިކޭޝަންގެ ތެރެއިން އެކި މަރުހަލާތައް ފުރިހަމަކޮށް ބޭންކުތަކުން އެޕްރޫވްކޮށްފައިވަނީ ޖުމްލަ 891 ފޯމެވެ.
މި ސްކީމް ކުރިއަށްދަނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ރަށްވެހި ކެޓަގަރީ (ރަށްރަށަށް ދޫކުރާ 1 މިލިއަން ރުފިޔާގެ 363 އެޕްލިކޭޝަން)، ސަހަރު ކެޓަގަރީ (އާބަން ސަރަހައްދުތަކަށް ދޫކުރާ 3 މިލިއަން ރުފިޔާގެ 438 އެޕްލިކޭޝަން)، އަދި ފަހިމާލެ ކެޓަގަރީ (މާލެ ސަރަހައްދަށް ދޫކުރާ 6 މިލިއަން ރުފިޔާގެ 40 އެޕްލިކޭޝަން) އެވެ. ބީއެމްއެލް، އެޗްޑީއެފްސީ އަދި އެމްއައިބީ ގުޅިގެން ހިންގާ 1 ބިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން ލޯނު އަނބުރާ ދެއްކުމަށް 25 އަހަރުގެ މުއްދަތެއް ލިބޭއިރު، އިކުއިޓީގެ ގޮތުގައި ބަހައްޓަންޖެހެނީ 0 އާއި 10 ޕަސެންޓާ ދެމެދުގެ އަދަދެކެވެ.
ލޯނު ދޫކުރުމުގެ މަރުހަލާގައި ވަގުތު ނެގި އެންމެ ބޮޑު ސަބަބަކީ އިމާރާތުގެ ކުރެހުމުގައި ކޮމާޝަލް ބޭނުމަށް 20 ޕަސެންޓަށްވުރެ އިތުރުނުވާގޮތަށް އުސޫލުތައް ފުރިހަމަކުރުމަށް ކުރަންޖެހުނު މަސައްކަތްތައް ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި މި ސްކީމަކީ ވަރަށް ކާމިޔާބު މަޝްރޫޢެއްކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި މިފަދަ އިތުރު ފައިނޭންސިންގް މަޝްރޫޢެއް އިފްތިތާހުކުރެވޭނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.





