ލޯކަލް ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހުންނަ ބިންތައް ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށްޓަކައި އަތުލާއިރު، އެ ބިމުގައި ކޮށްފައިވާ އިންވެސްޓްމަންޓްތަކަށް ބަދަލު ދޭންޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ބިލް ފާސްކޮށްފިއެވެ. ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު ހުށަހެޅުއްވި މި ބިލް ފާސްކޮށްފައިވަނީ ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ ތާއީދާއެކު ކޮމިޓީން ބޭއްވި ކުއްލި ބައްދަލުވުމެއްގައެވެ.
ވަޒީރުންގެ މަޖިލީހުގެ ނިންމުމަކުން ކައުންސިލްތަކުގެ ބިން ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ބަދަލުކުރަން ހުށަހެޅި މި ބިލަށް ވަނީ އިސްލާހެއް ހުށަހަޅާފައެވެ. ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ހުށަހެޅުއްވި އިސްލާހުގައިވަނީ، ކައުންސިލުން ވަކިކުރާ ބިމެއްގައި ކައުންސިލުން ނުވަތަ އެހެން ފަރާތަކުން އިންވެސްޓްމެންޓެއް ކޮށްފައިވާނަމަ، ފިނޭންސް މިނިސްޓްރީން ހުށަހަޅާ އެކަށީގެންވާ ބަދަލެއް ދޭންޖެހޭނެ ކަމަށެވެ.
މި އިސްލާހާއެކު ކޮމިޓީން ބިލް ފާސްކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.





