މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ މަޝްރޫއުތައް ހިންގުމުގެ ހުނަރާއި ތަޖުރިބާ ބައިނަލްއަގްވާމީ ފެންވަރުގައި ފުޅާކުރުމަށްޓަކައި، ރާއްޖެއިން ބޭރުގެ ބާޒާރުތަކުން ފުރުސަތު ހޯދުމުގެ ދިރާސާތައް އެ ކުންފުނިން ފަށައިފިއެވެ. އެމްޓީސީސީގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، އިންޑިއާގެ ބައެއް ކުންފުނިތަކާއެކު މިހާރު ވެސް ދަނީ މަޝްވަރާތައް ކުރެވެމުންނެވެ. މީގެ ތެރޭގައި ކަނޑުގެ އުމްރާނީ ތަރައްގީގެ މަސައްކަތްތަކަށް ބޭނުންވާ ހާއްސަ މެޝިނަރީ ފޯރުކޮށްދިނުމާއި، ސަރަހައްދީ ބޮޑެތި އިންފްރާސްޓްރަކްޗާ މަޝްރޫއުތަކަށް ބިޑްކުރުމުގައި ބައިވެރިއެއްގެ ގޮތުގައި މަސައްކަތްކުރުން ހިމެނެއެވެ. ނަމަވެސް، މިފަދަ ހުރިހާ މަސައްކަތެއްވެސް ބައްޓަންކުރެވޭނީ ގައުމީ ފެންވަރުގައި ކުންފުނިން އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތުތަކަށް ބުރޫނާރާނެ ގޮތުގެ މަތިންނެވެ.
ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީ ވިދާޅުވި ގޮތުގައި، ރާއްޖޭގައި ހިންގާ ބޮޑެތި މަޝްރޫއުތަކުގެ ސަބަބުން ކުންފުނީގެ ޕޯޓްފޯލިއޯ ވަރުގަދަވެ، ބޭރުގެ ކުންފުނިތަކުގެ އިތުބާރު ވަނީ ލިބިފައެވެ. އެގޮތުން، ބޭރުގެ މަޝްރޫއުތަކުގައި އެމްޓީސީސީއާއެކު ބައިވެރިވުމަށް ޝައުގުވެރިވާ ބައިނަލްއަގުވާމީ ދެ ކުންފުންޏަކުން ހުށަހެޅުންތައް ލިބިފައިވާއިރު، އޭގެ ތެރޭގައި މޮރިޝަސްގެ އެއާޕޯޓެއް ތަރައްގީކުރުމުގެ މަޝްރޫއެއް ވެސް ހިމެނެއެވެ. ސައުދީ ފާހަގަކުރެއްވި ގޮތުގައި، ބޭރުގެ ބާޒާރުތަކަށް ނުކުތުމަކީ ދިވެހި މުވައްޒަފުންގެ ހުނަރު އިތުރުވެ، އެއްގަމާއި ކަނޑުގެ އުމްރާނީ ތަރައްގީގެ ދާއިރާއިން ގާބިލު ދިވެހިން ބިނާކުރުމަށް ލިބޭނެ ބޮޑު ފުރުސަތެކެވެ.





