ހުޅުމާލެ 1 ގައި ހުންނަ އުރީދޫ ހެޑް އޮފީހުގެ ފުރަގަހުގައި އިމާރާތްކުރާ 12 ފްލޯގެ "ދާރުއްސަލާމް" ވަގްފު އިމާރާތުގެ އަމަލީ މަސައްކަތް އިއްޔެ ވަނީ ފަށާފައެވެ.
ބީއެމްއެލް އިސްލާމިކް ފައިނޭންސިންގްގެ ދަށުން ކުރިއަށްގެންދާ 244.5 މިލިއަން ރުފިޔާގެ މި މަޝްރޫޢު އާރުސީސީއާ ހަވާލުކޮށްފައިވަނީ 2 އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އަދި އިމާރާތް ނިމުމަށްފަހު 5 އަހަރު ދުވަހުގެ މެއިންޓެނަންސް މަސައްކަތްވެސް ކުރާނީ އެ ކުންފުނިންނެވެ.
މި އިމާރާތުގެ ބޭސްމަންޓާއި ގްރައުންޑް ފްލޯ ޕާކިންގް އަދި ރިސެޕްޝަނަށް ޚާއްޞަކޮށްފައިވާއިރު، ފުރަތަމަ ފްލޯ ދޫކުރުމަށް ހަމަޖެހިފައިވަނީ ވިޔަފާރި ބޭނުންތަކަށެވެ. 3 ވަނަ ފްލޯއިން 12 ވަނަ ފްލޯއަށް އޮފީސްތަކަށް ކުއްޔަށް ދިނުމަށް ނިންމާފައިވާއިރު، އެ ތަންތަނުގައި ނަމާދު ކުރާ ކޮޓަރިއާއި މީޓިންގް ރޫމްތައް ހުންނާނެއެވެ. މީގެއިތުރުން 2 ވަނަ އަދި 11 ވަނަ ފްލޯގައި މަލްޓިޕާޕަސް ހޯލެއް އަދި އިމާރާތުގައި ޑޭކެއާ ސެންޓަރެއް ގާއިމުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި އިމާރާތުން އަހަރަކު 52 މިލިއަނަށްވުރެ ގިނަ ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން އަންދާޒާކުރެއެވެ. އޭގެ ތެރެއިން 80 ޕަސެންޓް އިސްލާމިކް ވަގްފު ފަންޑަށް ޖަމާކުރާއިރު، ބާކީ 20 ޕަސެންޓް ޖަމާކުރާނީ ޒަކާތު ހައުސަށެވެ. މި މަޝްރޫޢަކީ މިސްކިތްތައް ބިނާކުރުމާއި ބެލެހެއްޓުން ހިމެނޭހެން، ރާއްޖޭގެ އިސްލާމީ ހަރަކާތްތަކަށް ދެމެހެއްޓެނިވި އާމްދަނީއެއް ހޯދުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.





