ފުލުހުންނަށް ހަމަލާދީ ބިރު ދެއްކި މީހަކު ހައްޔަރުކޮށްފި

މާލޭގައި ހިނގި ހާދިސާއެއްގެ ސީނަށް ދިޔަ ފުލުހުންގެ މަސައްކަތަށް ހުރަސްއަޅައި، އިންޒާރުދީ ހަމަލާދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިދީފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ކ. މާފުށި، ގްރީންޕާކް، އުމުރުން 41 އަހަރުގެ އިބްރާހިމް ސުނީޒްއެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ވަނީ އޭނާ ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް އަމުރު ކުރައްވާފައެވެ. ސުނީޒްގެ މައްޗަށް މައިގަނޑު ގޮތެއްގައި ތުހުމަތު ކުރެވެނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފުންގެ މަސައްކަތަށް ހުރަސްއެޅުމާއި، މާރާމާރީ ހިންގުމުގެ އިތުރުން މީހުންނަށް އިންޒާރުދީ ބިރުދެއްކުމުގެ ކުށެވެ.

ކޯޓުން އޭނާ ބަންދުގައި ބަހައްޓަން ނިންމި ސަބަބުތަކުގެ ތެރޭގައި، މި ކުށް ހިންގުމުގައި އޭނާ އަމަލީ ގޮތުން ބައިވެރިވެފައިވާ މިންވަރާއި، މި ހާދިސާގައި ބަޔަކަށް ޖިސްމާނީ އަނިޔާތަކެއް ލިބިފައިވުން ހިމެނެއެވެ. މީގެއިތުރުން، މިއީ އެހެން ބަޔަކާ ގުޅިގެން ގްރޫޕް ހަދައިގެން ހިންގާފައިވާ އަމަލަކަށްވާތީ، އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ އަމަންއަމާންކަމަށް ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ ކަމަށްވެސް ގާޒީގެ އަމުރުގައި ފާހަގަކުރައްވާފައިވެއެވެ.

މި މައްސަލައިގެ ތަހުގީގަށް ފުލުހުން ވަނީ ސުނީޒާ ދެކޮޅަށް ވަރުގަދަ ހެކިތަކެއް ކޯޓަށް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ހަމަލާގައި އަނިޔާވި ފުލުހުންގެ ބަޔާންތަކުގެ އިތުރުން، ލިބުނު އަނިޔާތައް ސާބިތުކޮށްދޭ ފޮޓޯ ރިޕޯޓާއި މެޑިކޯ ލީގަލް ރިޕޯޓުތައް ހިމެނޭކަން ކޯޓު އަމުރުން އެނގެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް