ކެނދިކުޅުދޫ މަގު ހެދުމުގެ މަޝްރޫއު އާރްޑީސީން ކުރިއަށްދަނީ

ނ. ކެނދިކުޅުދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ހިންގާ މަޝްރޫޢުގެ ދަށުން، އެ ރަށުގެ އަހްމަދީ މަގު 2 ގައި ކޭބަލް ޖަންކްޝަން ނެޓްވޯކް ވަޅުލުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށް މަޝްރޫޢުގެ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީއިން) ހާމަކޮށްފިއެވެ.

މި މަޝްރޫޢަކީ ކެނދިކުޅުދޫގެ ދަތުރުފަތުރާއި ޢުމްރާނީ ތަރައްޤީއަށް ބޮޑު އިންގިލާބެއް ގެނުވާނެ މަޝްރޫޢެއް ގޮތުގައި އާރުޑީސީއިން ފާހަގަކުރެއެވެ.

މަގުތައް ހެދުމުގެ ޢަމަލީ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދާ ކޭބަލް ޖަންކްޝަން ނެޓްވޯކް ވަޅުލުމުގެ މަސައްކަތަކީ، ކުރިމަގުގައި މަގުތައް ކޮނުމަކާ ނުލައި ކަރަންޓާއި، ފޯނު އަދި އިންޓަނެޓް ފަދަ ޚިދުމަތްތަކުގެ ކޭބަލްތައް ފަސޭހަކަމާއެކު އަޕްގްރޭޑްކޮށް ބެލެހެއްޓުމަށް މަގުފަހިކުރުމުގެ ގޮތުން ކުރެވޭ މުހިންމު މަސައްކަތެކެވެ.

މި މަޝްރޫޢުގެ ދަށުން ރަށުގެ މުހިންމު މަގުތަކުގައި ތާރުއެޅުމުގެ އިތުރުން، ވާރޭވެހުމުގެ ސަބަބުން މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމުގެ ގޮތުން ފެންހިއްކާ ނިޒާމު (ސްޓޯމްވޯޓަރ މެނޭޖްމަންޓް ސިސްޓަމް) ގާއިމުކުރުން ހިމެނެއެވެ.

މީގެ އިތުރުން މަގުބައްތި ޖެހުމާއި، ދުއްވާ އެއްޗެއްސާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި މަގުމަތީގެ ނިޝާންތައް ހަރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.

މި މަޝްރޫޢު ނިމުމުން ކެނދިކުޅުދޫގެ ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބި، ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ޙަރަކާތްތަކަށް އިތުރު ދިރުމެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް