ދައުލަތުގެ އައު ޕޭ ފްރޭމްވޯކަށް ބަދަލުވެފައިވާ ސިވިލް ސަރވިސް މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދިނުމުގައި އަމަލުކުރާ އުސޫލަށް ސިވިލް ސަރވިސް ކޮމިޝަނުން މުހިންމު އިސްލާހުތަކެއް ވަނީ ގެނެސްފައެވެ.
މި އިސްލާހުތަކުގެ ދަށުން މުސާރައިގެ ކުރިއެރުން ދިނުމުގައި ކުރިން އޮތް ޖެހިޖެހިގެން ދެ އަހަރުގެ ޕާފޯމަންސް އެޕްރައިޒަލްއިން 85 މާކްސް ހޯދަންޖެހޭ އުސޫލު ބަދަލުކޮށް، މެދުކެނޑުމަކަށްފަހު ވެސް ދެ އަހަރު 85 މާކްސް ހޯދުމުން ކުރިއެރުން ލިބޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ. މީގެ ސަބަބުން ވިހެއުމުގެ ޗުއްޓީއާއި ބޭސްފަރުވާގެ ދިގު ޗުއްޓީ ނަގާ މުވައްޒަފުންނަށް ޕްރޮމޯޝަން ނުލިބި ލަސްވާ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.
މުސާރަ ލިބޭނެ ގޮތާއި ބަޖެޓުކުރުން
އައު އުސޫލުގައިވާ ގޮތުން މަގާމުގެ ކުރިއެރުން ހައްގުވާ ތާރީޚުން ފެށިގެން މުސާރައިގެ ކުރިއެރުން މުވައްޒަފަށް ލިބިގެންދާނެއެވެ. އަދި އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަނުވެގެން މުސާރައިގެ ކުރިއެރުން ދިނުން ލަސްވި ނަމަވެސް، ފަހުން އެ މުއްދަތަށް ނުލިބިވާ މުސާރަ އެކީ މުވައްޒަފަށް ލިބޭނެއެވެ. މުސާރައިގެ ކުރިއެރުމުގެ ގޮތުގައި ބެލެވެނީ މަގާމުގެ އެލަވަންސްގެ އެއް ހަރުފަތުން އަނެއް ހަރުފަތަށް ލިބޭ ކުރިއެރުމެވެ. މީގެއިތުރުން، ކުރިއަށް އޮތް އަހަރު މުސާރައިގެ ކުރިއެރުން ލިބޭނެ ކަމަށް އަންދާޒާކުރެވޭ މުވައްޒަފުންގެ ޚަރަދު އިދާރާތަކުން އަހަރީ ބަޖެޓުގައި ހިމަނަންޖެހޭނެ ކަމަށާއި، ބަޖެޓުގައި ނުހިމެނޭ ހާލަތްތަކުގައި ކުރިއެރުން ދެވޭނީ މާލީ ވުޒާރާގެ ޚާއްޞަ ހުއްދައެއް ލިޔުމުން ހޯދައިގެން ކަމަށްވެސް މި އުސޫލުގައި ބަޔާންކޮށްފައިވެއެވެ.





