ރާއްޖޭގެ ތާރީޚުގައިވެސް ހިންގާ ބިންހިއްކުމުގެ އެންމެ ބިޔަ މަޝްރޫޢު ކަމުގައިވާ ރަސްމާލެ ހިއްކުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާއިރު، ހިއްކަން ހަމަޖެހިފައިވާ 1,150 ހެކްޓަރުގެ ތެރެއިން މިހާތަނަށް 716 ހެކްޓަރުގެ ބިން ވަނީ ހިއްކައި ނިންމާފައެވެ. މިއީ މުޅި މަޝްރޫޢުގެ 62 އިންސައްތައަށްވުރެ އިތުރު އަދަދެކެވެ.
މި މަޝްރޫޢުގެ ދަށުން 700 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް ހިއްކައި ނިމުމާއެކު، ރަސްމާލެ މިހާރު ވެފައިވަނީ ބިމުގެ ގޮތުން ރާއްޖޭގައި އޮތް އެންމެ ބޮޑު ރަށަށެވެ. މީގެ ކުރިން ރާއްޖޭގެ އެންމެ ބޮޑު ރަށުގެ ގޮތުގައި އޮތް ހައްދުންމަތީ ގަމުގެ ބޮޑުމިނަކީ 609 ހެކްޓަރެވެ. ނަމަވެސް، މިހާރުގެ ހިސާބުތަކަށް ބަލާއިރު ރަސްމާލެއަކީ ގަމަށްވުރެ 107 ހެކްޓަރު ބޮޑު ރަށެކެވެ. މި އަދާހަމަތައް ހިއްސާކުރައްވާފައިވަނީ ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރުގެ ނައިބު މުހައްމަދު ނާޝިދެވެ.
ރާއްޖޭގެ ތާރީޚުގައި ހިންގާ ބިންހިއްކުމުގެ އެންމެ ބިޔަ މަޝްރޫޢު ކަމަށްވާ #ރަސްމާލެ ހިއްކުމުގެ މަސައްކަތް ހުއްޓުމެއްނެތި ދަނީ ކުރިޔަށް. ޖުމްލަ 1,150 ހެކްޓަރު ހިއްކުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ ދަށުން، މިހާރު 716 ހެކްޓަރު ހިއްކި، ރަސްމާލެ މިވަނީ ރާއްޖޭގެ އެންމެ ބިން ބޮޑު ރަށަށް… pic.twitter.com/UUL3n0dVJ8
— Mohamed Nashid (@naadu_mv) August 24, 2026
ބޯހިޔާވަހިކަމުގެ މަޝްރޫޢާއި ގޯތި ދޫކުރުން
ރަސްމާލެ މަޝްރޫޢަކީ މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދިނުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫޢެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 65،000 ގެދޮރު ޔަގީންވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

އަދި ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން "ޢާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގައި، މާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ރަސްމާލެއިން 15،000 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ.
މާސްޓަރ ޕްލޭނާއި ތަރައްޤީގެ ތަޞައްވުރު
ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢުގެ މާސްޓަރ ޕްލޭން އެކުލަވާލުމަށްޓަކައި ކޮންސަލްޓެންސީ ސަރވިސް ދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް ބިނާރާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މިހާރު ދަނީ ކުރަމުންނެވެ. މި މާސްޓަރ ޕްލޭންގެ ދަށުން ރަސްމާލޭގައި:
-
ތިމާވެއްޓާ ރައްޓެހި (އީކޯ-ފްރެންޑްލީ) މަސައްކަތްތައް ކުރުން
-
ޔުޓިލިޓީގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ޕްލޭން އެކުލަވާލުން
-
ޒަމާނީ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުން
-
ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން އުޅެވޭނެ އެކްސެސިބިލިޓީ އިންތިޒާމުތައް ހަމަޖެއްސުމަށް އިސްކަންދެވޭނެއެވެ.
މަސައްކަތުގެ ކުރިއެރުމާއި އަމާޒު
ރަސްމާލެ ހިއްކުމުގެ އަމަލީ މަސައްކަތް ފުރަތަމަ ފެށީ 18 ޑިސެންބަރު 2023 ގައެވެ. މަސައްކަތުގެ ދުވެލި އިތުރަށް އަވަސްކުރުމުގެ ގޮތުން، މިދިޔަ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހު މި މަޝްރޫޢު ވަނީ އެމްއޭސީއެލް އާ ހަވާލުކޮށްފައެވެ.
ދުނިޔޭގެ އިޤްތިޞާދަށް އައިސްފައިވާ މަޑުޖެހުމާއެކު މަސައްކަތަށް ކޮންމެވެސް ވަރެއްގެ ލަސްކަމެއް އައި ނަމަވެސް، ސަރުކާރުގެ އިސް އަމާޒަކީ މިއަހަރުގެ ނިޔަލަށް ރަސްމާލެ ހިއްކުމުގެ މުޅި މަޝްރޫޢު އެއްކޮށް ނިންމާލުމެވެ.





