އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު އައްޔަނުކުރަން ފެންނަކަމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކުރީ އިންޓަވިއުއިން 75 ޕަސެންޓަށްވުރެ މަތިން މާކްސް ލިބުމުން 5 މެންބަރުންގެ ތާއީދާއެކުއެވެ.
މި ނިންމުމާ ދެކޮޅަށް ވޯޓު ދެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އެކަންޏެވެ. ސިޔާސީ މަގާމެއްގައި ހުރި ނަމަވެސް އައްޔަނުކޮށްފިނަމަ އިސްތިއުފާދޭނެކަމުގެ އިގުރާރު ވެފައިވާތީ ޝަރުތު ހަމަވާކަމަށް މަޖިލީހުން ބުނި ނަމަވެސް، ރާއްޖޭގެ ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ފުރުއްވި އަބްދުލްއަޒީޒަށް އިތުރު ދައުރެއް ދެވިދާނެތޯ ގާނޫނީ މާހިރުން ވަނީ ސުވާލު އުފައްދާފައެވެ. މި ބަދަލު އަންނަނީ މިހާރުގެ ކޮމިޝަނަރު އަހުމަދު އާހިދާމެދު ސަރުކާރުގެ ހިތްހަމަނުޖެހުން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.
އަބްދުލްއަޒީޒުގެ ނަމަށް ޝަކުވާ ހުށަހެޅުމަށް ދިނީ 6 ގަޑިއިރުގެ ކުރު މުއްދަތެއް ކަމަށްވާތީ އެކަމުގެ ކަންބޮޑުވުން އޮތްއިރު، ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ވަނީ އޭނާއަކީ އެ މަގާމަށް ކުފޫހަމަވާ ބޭފުޅެއް ނޫން ކަމަށް ބުނެ އަލުން ކުރިމަތިލާން ހުޅުވާލުމަށް ގޮވާލާފައެވެ. އެ ޖަމިއްޔާއިން ފާހަގަކުރި ގޮތުގައި އަބްދުލްއަޒީޒްގެ ކުރީގެ ދައުރުގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ފުރިހަމައަށް ތަންފީޒުނުކުރެވި، މައުލޫމާތު ހޯދުމުގެ ފޯމު ފަރުމާކޮށްފައިވަނީވެސް އެ ހައްގަށް ހުރަސްއެޅޭ ފަދަ ގޮތަކަށެވެ.





