ޖުލައި 9 ވަނަ ދުވަހުގެ ރޭ އިއްޒުއްދީން ފާލަމާ ދިމާ ބޭރުން "ލީޖަން 1" ނަމަކަށް ކިޔާ ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓަށްފަހު، އެ ދޯނި މަޑުނުކޮށް ފިލައިގެން ދިޔަ މައްސަލައިގައި ފުލުހުން ކުރިއަށްގެންދިޔަ ތަހުގީގުން އެ އުޅަނދު ހޯދައިފިއެވެ.
އެގޮތުން، 22 އޯގަސްޓް 2026 ގެ ހަވީރު 17:52 އެހައިކަންހާއިރު މި ދޯނި ފެނިފައިވަނީ ހުޅުމާލެ ފަޅުގައި އަޅާފައި އޮއްވައެވެ.
ފުލުހުން ވަނީ އެ ދޯނި ބަލައި ފާސްކޮށް، ތަހުގީގަށް ބޭނުންވާ މައުލޫމާތުތައް އެއްކުރުމަށްފަހު ކަށަވަރުކުރަންޖެހޭ ކަންކަން ކަށަވަރުކޮށްފައެވެ.
އަދި މި ހާދިސާއާ ގުޅިގެން ދޯނީގެ ކެޕްޓަންއާ ސުވާލުކޮށް، ތަހުގީގީ މަރުހަލާގެ ތެރެއިން އޭނާގެ ލައިސަންސް ވަނީ ހިފަހައްޓާފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މި ހާދިސާގައި ޖުމުލަ ފަސް މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދީފައިވެއެވެ.
އެކްސިޑެންޓުވި ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައިއެވެ. އެކްސިޑެންޓުގެ މި ހާދިސާ ހިންގިރޭ ފުލުހުން މައުލޫމާތުދީފައިވާ ގޮތުގައި "ލީޖަން 1" ލޯންޗުގެ އެއްފަޅި ވަރަށް ބޮޑަށް ހަލާކުވެ، ސީޓުތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައިއެވެ.





