ރާއްޖެއަށް ޒަރޫރީ މުދާ އެތެރެކުރާ ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދިނުމުގެ ކަންކަން ހަރުދަނާކުރުމަށްޓަކައި، މޯލްޑިވްސް ކަސްޓަމްސް ސާވިސްއާ ގުޅިގެން ޚާއްޞަ ވެރިފިކޭޝަން ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފިވެ.
މި ނިޒާމުގެ މައިގަނޑު މަގުސަދަކީ އެތެރެކުރާ މުދަލުގެ ސައްހަކަން ކަށަވަރުކޮށް، ހަގީގީ އިމްޕޯޓަރުންނަށް އިސްކަންދީގެން އިންސާފުވެރިކަމާއެކު ބޭންކުތައް މެދުވެރިކޮށް ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.
މި ނިޒާމު ގާއިމުކުރެވުމުން، ކަސްޓަމްސްގެ ރެކޯޑުތަކަށް ބަލައި މުދާ އެތެރެކުރާ މިންވަރާ އެއްގޮތަށް ޑޮލަރު ދޫކުރެވޭނެއެވެ.
މީގެ ސަބަބުން ޑޮލަރުގެ ނާޖާއިޒު ފައިދާ ނެގުމާއި، ސައްހަ ނޫން މުއާމަލާތްތަކަށް ޑޮލަރު ދޫކުރުން ހުއްޓުވުމަށް އެހީތެރިވެދޭނެއެވެ.
އަދި ޒަރޫރީ މުދާ އެތެރެކުރާ ވިޔަފާރިތަކަށް ފަސޭހައިން ޑޮލަރު ލިބޭނެ ގޮތް ވުމުން، ބާޒާރުގައި ތަކެތީގެ އަގު އުފުލުން ކޮންޓްރޯލްކުރުމަށްވެސް އެހީތެރިވެދޭނެއެވެ.





