ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން އދ. ހަންޏާމީދޫގައި ކުރިއަށްގެންދާ ފުޓުބޯޅަ ދަނޑު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން، ދަނޑުގެ ސަބް-ބޭސް އެޅުމުގެ މަސައްކަތުގެ 85 އިންސައްތަ ނިންމާލެވިފައިވާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރުޑީސީއިން ބުނެފިއެވެ.
މި މަޝްރޫއަކީ އެ ރަށުގެ ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން، އދ. ހަންޏާމީދޫގައި އަޅަމުންދާ ފުޓުބޯޅަ ދަނޑުގެ ސަބް-ބޭސް މަސައްކަތުގެ 85 އިންސައްތަ ވަނީ ނިމިފައި. #TeamRDC pic.twitter.com/ROm90vDNR9
— Road Development Corporation Ltd (@rdcmaldives) August 23, 2026
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން އިސްނަގައިގެން އާރުޑީސީއާއި ހަވާލުކޮށްގެންކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ދަނޑުގެ ސަބް-ބޭސް ތައްޔާރުކުރުމުގެ އިތުރުން، ޓާފް އެޅުމާއި، ދަނޑުގެ ވަށާފާރު ރޭނުމުގެ އިތުރުން ފެންސް ޖެހުމުގެ މަސައްކަތްތައް ހިމެނެއެވެ.
އަންހެނުންނާއި ފިރިހެނުންނަށް މުބާރާތްތައް ބޭއްވޭނެ ފެންވަރަށް ތަރައްގީކުރާ މި ފުޓުބޯޅަ ދަނޑުގެ ސަބް-ބޭސް މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އަވަސް މުއްދަތެއްގެ ތެރޭގައި ޓާފް އެޅުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް އާރުޑީސީއިން އުއްމީދުކުރެވެއެވެ.
މިފަދަ ނުނިމި ހުރި ކުޅިވަރު ވަސީލަތްތައް އަވަހަށް ނިންމައި އާންމުންނަށް ބޭނުންކުރެވޭނެ ގޮތް ހެދުމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ. ހަންޏާމީދޫ ފުޓުބޯޅަ ދަނޑުގެ މަސައްކަތް މުޅިން ނިމުމުން، އެ ރަށުގެ ކުޅިވަރު ކުޅުންތެރިންނަށް އެކަށީގެންވާ އަދި ރައްކާތެރި މާހައުލެއްގައި ފުޓުބޯޅަ ކުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.





