ފަތުރުވެރިކަމުގެ ދާއިރާގެ ފުރުުސަތުތަކާއި ގުޅޭގޮތުން ޕަލާއޫއާއެކު މަޝްވަރާކޮށްފި

ޕަލާއޫގެ މިނިސްޓަރު އޮފް ހިއުމަން ރިސޯސަސް، ކަލްޗަ ޓޫރިޒަމް އެންޑް ޑިވެލޮޕްމަންޓް، ޏިގިރައިބެލަސް ތުމެތުޗުލް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް މިއަދު އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައި، ދެމެހެއްޓެނެވި ފަތުރުވެރިކަމުގެ ދާއިރާއިން ހުރި ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްގެންދަވާފައި ވަނީ ރާއްޖޭގައި މިއަދު ފެށި "ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް 2026" އަދި "އައިލެންޑް އިންވެސްޓްމަންޓް ފޯރަމް" ގެ ހަވާސާގައެވެ.

ރައީސްގެ އޮފީހުން ވިދާޅުވީ، މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވެސް، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ނުވަތަ ސިޑްސްގެ މެންބަރު ގައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، މޫސުމީ ބަދަލުތަކާއި ދެމެހެއްޓެނެވި ފަތުރުވެރިކަމުގެ ދާއިރާއިން ހުރި ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

އަދި ގުޅުން ބަދަހިކުރުމާއި ވުނަކުރުމުގެ ފުރުސަތުތައް، ސިޑްސް ޤައުމުތަކަށް ފަހިކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް މި ބައްދަލުކުރެއްވުމުގައި އަލިއަޅުއްވާލެއްވި ކަަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވަނީ ސިޑްސް ގައުމުތަކުން އިސްކަންދޭ ކަންކަން ކުރިއެރުވުމަށާއި، ބައިނަލްއަގުވާމީ މަސްރަހުގައި ސިޑްސް ގައުމުތަކުން ކުރާ ވަކާލާތު ވަރުގަދަކުރުމަށްޓަކައި، ޕަލާއޫއާއެކު ގާތުން މަސައްކަތްކުރުމަށް ރާއްޖެ ދެމިއަޮތްކަން ހާމަކުރައްވައިފައެވެ.

އަންނަ އަންގާރައިގެ ނިޔަލަށް ކުރިއަށްދާ ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމަކީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ތަރައްގީގެ މަސައްކަތްތަކުގައި ތަފާތު ދާއިރާތައް، ހާއްސަކޮށް އެގައުމުތަކުގެ ވިޔަފާރިތަކާއި މަދަނީ ޖަމްއިއްޔާތަކާއި އެހީ ފޯރުކޮށްދޭ ގައުމުތަކާއި ދިރާސާވެރިންނާއި އެހެނިހެން ދާއިރާތަކުގެ ކަމާގުޅޭ ފަރާތްތަކުގެ ހިއްސާ އިތުރުކުރުމަށް ބާއްވާ ފޯރަމެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް