"ފްރެންޑް 4" ދޯނިން ގެއްލުނު 3 މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށް

މުދާ އުފުލާ ސަޕްލައި ދޯނި "ފްރެންޑް 4" ދިޔަވެގެން ސަލާމަތްކުރުމުގެ ތެރޭގައި ކަނޑަށް ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތް ހުއްޓާނުލައި އަދިވެސް ކުރިއަށްދާ ކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.

ތ. މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަނިކޮށް އޮގަސްޓް 6 ވަނަ ދުވަހުގެ ރޭ މި ދޯނި ދިޔަވާން ފެށުމުން، އެހީތެރިވުމަށް ފުލުހުންނާއި އެމްއެންޑީއެފްގެ ލޯންޗުތައް އެ ސަރަހައްދަށް ދިޔައެވެ.

ދޯނީގައި ތިބި އަށް މީހުންގެ ތެރެއިން ހަތް މީހަކު ސަލާމަތްކުރެވުނު ނަމަވެސް، ދިޔަ ހިއްކުމުގެ މަސައްކަތް ކުރަނިކޮށް ދޯނި އަޑިއަށް ގޮސް، ދޯނީގެ ކެޕްޓަން މުހައްމަދު ހަމްދޫން އާއި އެމްއެންޑީއެފްގެ ސާޖަންޓް އިބްރާހީމް އަހުމަދު އަދި ޕޮލިސް ސާޖަންޓް އަލީ ނާފިއު ވަނީ ކަނޑަށް ގެއްލިފައެވެ.

އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި، ގެއްލުނު ތިން މީހުން ހޯދުމަށްޓަކައި ވައިގެ މަގުން 17,220 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ. އަދި ކަނޑުމަގުން 2,790.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއްގެ އިތުރުން، ހުވަދޫ ކަނޑުގެ ސަރަހައްދުގެ ގޮނޑުދޮށްތަކާއި ފަރުތައް ހިމެނޭހެން 288 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ފާސްކޮށްފައެވެ.

ސާޗް އޮޕަރޭޝަންގެ މަސައްކަތް ހުއްޓުމެއް ނެތި އަދިވެސް ކުރިއަށްދާ ކަމަށް ސިފައިން ވަނީ ކަށަވަރުކޮށްދީފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް