ދިގުރަށު ރީސާޗް ފެސިލިޓީއާއި ސްކޫލް އިމާރާތުގެ ސާމާނު އެރަށަށް ގެންގޮސްފި

އދ. ދިގުރަށުގައި ގާއިމުކުރާ އެމްއެންޔޫ ރީސާޗް ފެސިލިޓީއާއި ސްކޫލް އިމާރާތުގެ މަސައްކަތަށް ބޭނުންވާ ސާމާނު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ން އެރަށް ގެންގޮއްސިއެވެ.

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން އދ. ދިގުރަށުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) ގެ ރީސާޗް ފެސިލިޓީ އަދި 3 ފަންގިފިލާގެ އާ ސްކޫލް އިމާރާތުގެ މަސައްކަތަށް ބޭނުންވާ ސާމާނު މިހާރު ވަނީ އެރަށު ސައިޓަށް ގެންގޮސްފައެވެ.

ސަރުކާރުން ތައުލީމީ ދާއިރާ ތަރައްގީކުރުމަށާއި މަތީ ތައުލީމާއި ދިރާސާކުރުމުގެ ފުރުސަތުތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށްދާ މި މަޝްރޫއުގެ ތަކެތި ސައިޓަށް ގެންދެވުމާއެކު، އަމަލީ މަސައްކަތްތައް އަވަސްވެގެންދާނެއެވެ.

މި މަޝްރޫއުގެ ދަށުން ދިގުރަށުގައި ގާއިމުކުރެވޭ އެމްއެންޔޫގެ ރީސާޗް ފެސިލިޓީއަކީ އެ ސަރަހައްދުގެ ކަނޑުގެ ތިމާވެއްޓާއި މާހައުލީ ނިޒާމުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ދިރާސާތައް ކުރުމަށް މަގުފަހިވެގެންދާނެ މުހިންމު މަރުކަޒެކެވެ.

މީގެއިތުރުން، 3 ފަންގިފިލާއަށް އިމާރާތްކުރެވޭ އާ ސްކޫލް އިމާރާތާއެކު، ދިގުރަށު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް އެދެވޭ ހައްލެއް ލިބި، ޒަމާނީ ވަސީލަތްތަކާއެކު އުނގަންނައިދިނުމުގެ މާހައުލު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް