ދުންފަތާ ދެކޮޅަށް ނިންމުންތައް ނިންމާނީ ދިރާސާތަކަށް ބަލައިގެން: ވަޒީރު ގީލާ

ދުންފަތުގެ އިސްތިއުމާލުކުރުމާ ގުޅޭ ނިންމުންތައް ނިންމަވާނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ފަންނީ ދިރާސާތަކުގެ އަލީގައި ކަމަށް ސިއްހަތާއި އާއިލީ އަދި އިޖްތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.

ދުންފަތް ހުއްޓުވުމަށް ކުރިއަށްގެންދާ "ދެން ހުއްޓާލަމާ" ކެމްޕެއިނާ ގުޅޭގޮތުން ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ، ދުންފަތުގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމަށް މި ސަރުކާރުން ހާއްސަ އަހައްމިއްޔަތުކަމެއް ދެމުންދާ ކަމަށާއި، ސަރުކާރުގެ އަމާޒަކީ ދުންފަތުން ރައްކާތެރިވެފައިވާ މުޖުތަމައެއް ބިނާކުރުން ކަމަށެވެ.

އެގޮތުން ރާއްޖޭގައި ޖެނެރޭޝަނަލް ބޭން ކަނޑައަޅައި، ހުރިހާ ރަށެއްގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އެހީތެރިވެދޭ ސިޒޭޝަން ހިދުމަތް ހިލޭ ލިބޭނެ ގޮތް ހަމަޖައްސަވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ދުންފަތާ ދެކޮޅަށް ސަރުކާރުން ނިންމާ ކޮންމެ ގާނޫނީ އަދި އިދާރީ ނިންމުމެއް ނިންމަނީ ސާބިތު ހެއްކާއި ދިރާސާތަކަށް ބަލައިގެން ކަމަށެވެ. އަދި ފަސް އަހަރުގެ ދުވަހުގެ މުއްދަތަށް ރޭވިފައިވާ "ދެން ހުއްޓާލަމާ" ކެމްޕެއިން އިފްތިތާހުކޮށް ސިޔާސަތުތައް ކަނޑައަޅާފައިވީ ނަމަވެސް، އަމަލީ މަސައްކަތްތައް ކުރިއަށްދާނީ މިހާރު އެކުލަވާލާ ހާއްސަ ޕްލޭނާ އެއްގޮތަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން، މި ކެމްޕެއިންގެ ތެރެއިން މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތް ކުރަމުންދާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް