ކަސްޓަމްސްއަކީ ހަމައެކަނި ދައުލަތަށް އާމްދަނީ ހޯދުމަށާއި ގައުމުގެ ބޯޑަރުތައް ކޮންޓްރޯލްކުރުމަށް އޮންނަ އިދާރާއެއްގެ ގޮތުގައި މާޒީގައި ދެކެވުނު ނަމަވެސް، ޒަމާނަށް އައި ބަދަލުތަކާއެކު އެ މުއައްސަސާގެ މަސްއޫލިއްޔަތުތައް ވަރަށް ބޮޑަށް ފުޅާވެފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާން ވިދާޅުވެއްޖެއެވެ.
"ސައުތު އޭޝިއާ ސަބްރީޖަނަލް އިކޮނޮމިކް ކޯޕަރޭޝަން (ސަސެކް) ކަސްޓަމްސް ސަބްގްރޫޕް"ގެ 14 ވަނަ ބައްދަލުވުން އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ކަސްޓަމްސްގެ އުސޫލުތައް ޒަމާނީ ކުރެވެމުންދާ މި ދަނޑިވަޅުގައި، ސަރަހައްދީ ވިޔަފާރި ބަދަހިކުރުމަށްޓަކައި ޑިޖިޓަލް ގުޅުންތަކަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރެވޭ ކަމަށެވެ. ނަމަވެސް، ހަމައެކަނި އުމްރާނީ ވަސީލަތްތައް ތަރައްގީކޮށްގެން ފުރިހަމަ ނަތީޖާއެއް ނުނެރެވޭނެ ކަމަށާއި، އިޖުރާއަތްތައް ހަރުދަނާ ނުކުރެވި މުދާ ދައުރުވުން ލަސްވާނަމަ، ޒަމާނީ ބަނދަރުތަކުގެ ހަގީގީ މަންފާ ނުލިބޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ޑިޖިޓަލް ކަސްޓަމްސް ނިޒާމުތައް ވަކިވަކިން ހިންގުމުގެ ބަދަލުގައި، އެއް ވިއުގައަކުން ގުޅުވާލަންޖެހޭ ކަމަށާއި، ސަރަޙައްދީ ގުޅުން ބަދަހިކުރުމުގެ މުހިންމު ފިޔަވަޅަކީ ނިޒާމުތަކާއި މަޢުލޫމާތާއި މުއައްސަސާތައް އެކަތިގަނޑަކަށް ހެދުން ކަމުގައި ވަޒީރު ވިދާޅުވިއެވެ. އެގޮތުން، ގާނޫނީ ވިޔަފާރިތަކަށް މަގުފަހިކުރުމާއި، ދައުލަތުގެ އާމްދަނީ ރައްކާތެރިކުރުމާއި، ގާނޫނާ ހިލާފު ވިޔަފާރިތައް ހުއްޓުވުމުގެ އިތުރުން ސަޕްލައި-ޗެއިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ޓެކްނޮލޮޖީގެ ދައުރު ބޮޑުކަން ވަނީ ފާހަގަކުރައްވާފައެވެ.
ރާއްޖޭގައި ކުރިއަށްދާ ސަސެކްގެ މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ އިތުރުން އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް، ބޫޓާން އަދި ނޭޕާލްގެ ކަސްޓަމްސް އިދާރާތަކުގެ އިސްވެރިންނާއި މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ.




