މަސްވެރިކަމުގެ ދާއިރާ ކުރިއަރުވަން ހާއްސަ ސްކީމެއް ލޯންޗްކޮށްފި

މަސްވެރިކަމުގެ ދާއިރާ ކުރިއަރުވައި އެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތައް މާލީގޮތުން ބާރުވެރިކުރުމުގެ މަޤްޞަދުގައި "އާރުވެރި މެޗިންގް ގްރާންޓް" ސްކީމް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

މަސްވެރިކަމާއި، ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވޯލްޑް ބޭންކުގެ އެހީއާއެކު ހިންގާ "ޓްރާންސްފޯމް" ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ މި ސްކީމް އިފްތިތާހުކޮށްދެއްވީ ވަޒީރު އަހުމަދު ޝިޔާމެވެ.

ޖުމްލަ 278 މިލިއަން ރުފިޔާގެ ބަޖެޓަކާއެކު ހާއްސަ ހަތް ދާއިރާއަކަށް އިސްކަންދީގެން ފަރުމާކޮށްފައިވާ މި ސްކީމަށް ހުށަހަޅައިގެން ފާސްވާ މަޝްރޫއުތަކުގެ ޚަރަދުގެ 40 އިންސައްތަ ހަމަޖައްސައިދޭނީ ހިލޭ އެހީގެ ގޮތުގައެވެ.

މި ސްކީމަކީ މަސްވެރި ސިނާއަތުގައި ހަކަތަ ސަމަކާރުކުރުމާއި، ދެމެހެއްޓެނިވި އުސޫލުތައް ކުރިއެރުވުމުގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށްދީ، އަންހެނުންނާއި ޒުވާނުންނަށް ވަޒީފާއާއި ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އިފްތިތާޙު ކުރެވުނު ސްކީމެކެވެ.

މިއީ 2023 އިން 2030 އަށް 64.8 މިލިއަން އެމެރިކާ ޑޮލަރުގެ ބަޖެޓަކާއެކު ކުރިއަށްދާ މަޝްރޫއެކެވެ. މި ގްރާންޓް ސްކީމާ ގުޅޭ ތަފްސީލުތައް ހޯދައި، އެޕްލިކޭޝަން ހުށަހެޅުމަށްޓަކައި ހާއްސަ ޕޯޓަލެއް މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް