ކުޑަކުދިންނަށް އިހުމާލުވުމާއި އަންހެނުންނަށް ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތައް މިދިޔަ މަހު އިތުރުވެފައިވާ ކަމަށް ފެމިލީ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ މިނިސްޓްރީން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު، މިދިޔަ މަހު ޖުމްލަ 228 މައްސަލައެއް ބަލާފައިވާއިރު، ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ އިހުމާލުވުމުގެ މައްސަލަތަކެވެ. އެގޮތުން އިހުމާލުވުމުގެ 22 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، މިއީ އޭގެ ކުރީ މަހާ އަޅައިބަލާއިރު އިތުރުވުމެކެވެ. މީގެއިތުރުން ކުޑަކުދިންނަށް ޖިންސީ އަނިޔާކުރުމުގެ 17 މައްސަލައަކާއި، ގެވެށި އަނިޔާގެ 14 މައްސަލައިގެ އިތުރުން ޖިސްމާނީ އަނިޔާގެ 7 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.
ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ ނުވަތަ ގެވެށި އަނިޔާގެ 54 މައްސަލައެއް މިނިސްޓްރީން ބަލާފައިވާއިރު، އޭގެ ތެރޭގައި އެންމެ ގިނައީ އަންހެނުންނަށް ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތަކެވެ. އެގޮތުން އަންހެނުންނަށް ޖިސްމާނީ އަނިޔާކުރުމުގެ 27 މައްސަލައެއް އަދި ނަފުސާނީ އަނިޔާގެ 12 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ.
އެހެންނަމަވެސް، މިދިޔަ މަހުގެ ތެރޭގައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ދެ ކުއްޖަކު ފޯސްޓާކޮށް، ތިން ކުއްޖަކު އަލުން އެކުދިންގެ އާއިލާތަކާ ހަވާލުކުރެވިފައިވާ ކަމަށް ފެމިލީ މިނިސްޓްރީން މައުލޫމާތުދެއެވެ.



