ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް ޔަޒްމީދު އައްޔަނުކޮށްފި!

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް ޔަޒްމީދު މުހައްމަދު އައްޔަނުކޮށްފިއެވެ.

ޕެންޝަން އޮފީހުން މިއަދު ހާމަކުރި ގޮތުގައި، ފަސް އަހަރު ދުވަހުގެ މި ދައުރުގެ މަސައްކަތްތަކާ އޭނާ ހަވާލުވެވަޑައިގަންނަވާނީ އަންނަ އާދިއްތަ ދުވަހުއެވެ.

ޔަޒްމީދަކީ މީގެ ކުރިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސްކަމާއި، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން، އޭނާއަކީ އޭސީސީއޭ ސެޓިފައިޑް ޗާޓާޑް އެކައުންޓެންޓެއްގެ އިތުރުން ފައިނޭންސް، އޮޑިޓިން، އަދި ސްޓްރެޓެޖިކް މެނޭޖުމެންޓުގެ ދާއިރާއިން ގިނަ ދުވަސްތަކެއް ވަންދެން ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ.

ޔަޒްމީދު ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަންނަވަނީ ޕެންޝަން އޮފީހުގެ ބޯޑުން ނިންމި ނިންމުމަކާ ގުޅިގެން ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ޕެންޝަން ފަންޑުން އިންވެސްޓުކޮށްފައިވާ 2.4 ބިލިއަން ރުފިޔާގެ ބޮންޑެއް އެމްއެމްއޭއަށް ވިއްކާލުމަށްފަހު، ސަރުކާރުގެ އާ ބޮންޑަކަށް އިންވެސްޓުކުރަން ނިންމުމުން، އެއީ އިޤްތިޞާދަށް ގެއްލުންވާނެ ކަމެއް ކަމަށް ބުނެ ކުރީގެ ސީއީއޯ އާއި ޗެއާމަން ހިމެނޭހެން ބޯޑުގެ ބައެއް އިސް މެންބަރުން ވަނީ އިސްތިއުފާ ދެއްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް