މުދާ އެތެރެކުރުމުގެ ކުރިން މައުލޫމާތު ބަދަލުކުރަން 4 ގައުމަކުން އެއްބަސްވެއްޖެ

މުދާ އެތެރެކުރުމުގެ ކުރިން މައުލޫމާތު ބަދަލުކުރުމާއި ވިޔަފާރި ފަސޭހަކުރުމުގެ މަޤްޞަދުގައި ބަންގްލަދޭޝް، ބޫޓާން، ދިވެހިރާއްޖެ އަދި ނޭޕާލާ ދެމެދު  ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މާލޭގައި ކުރިއަށްދިޔަ ސައުތު އޭޝިއާ ސަބްރީޖަނަލް އިކޮނޮމިކް ކޯޕަރޭޝަން (ސާސެކް) ކަސްޓަމްސް ގްރޫޕްގެ 14 ވަނަ ބައްދަލުވުމުގެ ތެރެއިން ސޮއިކުރެވުނު މި ފަހުމުނާމާގެ ރަސްމިއްޔާތުގައި، ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު ޢަލީ އިޙްސާންގެ އިތުރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ދެކުނު އޭޝިއާގެ ޕްރިންސިޕަލް ރީޖަނަލް ކޯޕަރޭޝަން ސްޕެޝަލިސްޓް ޑރ. ޔުރެންދުރަ ބަސްނެޓް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކަސްޓަމްސްއިން ހާމަކުރި ގޮތުގައި، މިއީ ސަރަހައްދީ ގުޅުން ބަދަހިކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. މީގެ ސަބަބުން މުދާ އެތެރެވުމުގެ ކުރިން ކަސްޓަމްސް އިދާރާތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރެވި، އަމިއްލަ ވިޔަފާރިތަކަށް ބޮޑެތި ފައިދާތަކެއް ކުރާނެއެވެ.

އެގޮތުން ބޯޑަރުތަކުގައި ހޭދަވާ ވަގުތު ކުޑަވުމާއި، ލޮޖިސްޓިކްސް ޚަރަދުތައް ކުޑަވުމުގެ އިތުރުން ސަޕްލައި ޗެއިންގެ ރައްކާތެރިކަން ކަށަވަރުވެ، ބޯޑަރު ހުރަސްކޮށް ކުރާ ވިޔަފާރިތައް އިތުރަށް އަވަސްވެގެންދާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް