ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ މީޝިނަރީއާއި އުޅަނދުފަހަރު ރަށްރަށަށް ފޮނުވުމުގެ މަސައްކަތް އެ ކުންފުނިން ފަށައިފިއެވެ.
އާރުޑީސީން ހާމަކޮށްފައިވާ ގޮތުގައި، ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އިންފްރާސްޓްރަކްޗާރ މަޝްރޫޢުތަކަށް ބޭނުންވާ މި ވެހިކަލްތައް ފޮނުވަނީ ހއ. ހަނިމާދޫ، ހއ. އުލިގަން، ހއ. ތުރާކުނު، ހއ. އިހަވަންދޫގެ އިތުރުން ކ. ކާށިދޫ އަދި ކ. ތުލުސްދޫ އަށެވެ.
ރަށްރަށުގެ މަގު ހެދުމުގެ ގިނަ މަޝްރޫޢުތަކެއް އާރުޑީސީއާ ހަވާލުކޮށްފައިވީ ނަމަވެސް، އެކަށީގެންވާ ވަސީލަތްތައް ނެތުމުގެ ސަބަބުން މަސައްކަތްތައް ކުރިއަށްގެންދިއުމުގައި މީގެ ކުރިން ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައެވެ.
މި މައްސަލައަށް ހައްލެއް ހޯދައި، މަޝްރޫޢުތަކުގެ ދުވެލި އަވަސްކުރުމަށްޓަކައި ސަރުކާރުން ވަނީ ޗައިނާގެ އެހީތެރިކަމާއެކު އެ ކުންފުންޏަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދައިދީފައެވެ. އެގޮތުން ލިބުނު އުޅަނދުތައް މިހާރު ވަނީ އަތޮޅުތަކުގެ ރަށްރަށަށް ފޮނުވަން ފަށާފައެވެ.




