އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން އިންތިޒާމުކޮށްގެން ބާއްވާ އަށް ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެންއައިއީން މައުލޫމާތު ދިން ގޮތުގައި، މި ކޮންފަރެންސަކީ މުދައްރިސުންނާއި ތައުލީމީ ދާއިރާގައި ފަންނީ މަސައްކަތް ކުރައްވާ ފަރާތްތަކުގެ މެދުގައި ދިރާސާ ކުރުމުގެ ސަގާފަތެއް ގާއިމުކުރުމުގެ މުހިންމު މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.

ބައިނަލްއަޤުވާމީ ފެންވަރުގައި ބާއްވަމުން އަންނަ މި ކޮންފަރެންސްތަކުގެ ސަބަބުން، ތަޢުލީމީ ދާއިރާގައި ދިމާވާ ގޮންޖެހުންތަކާއި އެކަންކަން ހައްލުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި، އުނގަންނައިދިނުމުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމަށް ހިޔާލު ބަދަލުކުރުމުގެ މުހިއްމު ފުރުސަތުތަކެއް މުދައްރިސުންނަށް ލިބިގެންދާނެކަމަށް އެންއައިއީން ބުނެފައިވެއެވެ.

މިއަހަރުގެ ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 12 އިން 13 އަށް، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ޝަހީދު ޢަލީ ސްކޫލުގައެވެ.

މި ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ މުދައްރިސުންނަށާއި، ސްކޫލްތަކުގެ އިސްވެރިންގެ އިތުރުން ތައުލީމީ ދާއިރާގެ އެކި ފަންނީ ބޭފުޅުންނަށް ވަނީ ހުޅުވާލާފައެވެ. މި ކޮންފަރެންސްގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 29 ވަނަ ދުވަސްކަމަށް އެންއައިއީ އިން މައުލޫމާތު ދީފައިވެއެވެ.

"ރީއިމޭޖް، ރީތިންކް، ރިފޯމް- އެޑްވާންސިންގ އިނޮވޭޝަން ފޯރ އޭން އިކުއިޓެބަލް އެންޑް ރެސިލިއަންޓް ފިއުޗަރ" މި ޝިއާރުގެ ދަށުން ބާއްވާ މިފަހަރުގެ ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަރާތްތަކުން 60 އަށްވުރެ ގިނަ ދިރާސާ ކަރުދާސް ހުށަހެޅުމަށް ހަމަޖެހިފައިވެއެވެ. އަދި މީގެއިތުރުން ހަތަރު ވޯކްޝޮޕަކާއި، ދެ ޕެނަލް ޑިސްކަޝަން އަދި ދެ ކީނޯޓް ސެޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެންއައިއީއިން މައުލޫމާތުދެއެވެ.

އެންއައިއީ އިން ބުނީ، މި ކޮންފަރެންސްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ، ހުރިހާ ކުދިން ޝާމިލުކޮށްގެން ކިޔަވައިދިނުމާއި، ދަރިވަރުން ޝައުޤުވެރިވާނެ ފަދަ އުކުޅުތައް ބޭނުންކޮށްގެން ކިޔަވައިދިނުމުގެ އިތުރުން ޒަމާނީ ޓެކްނޮލޮޖީއާއި، ކޯޑިންގ އަދި ރޮބޮޓިކްސް ފަދަ ޒަމާނީ ތައުލީމީ ދާއިރާތަކަށް ކަމަށެވެ.

އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސަކީ ތައުލީމީ ދާއިރާގެ ކުރިއެރުމަށް އަމާޒުކޮށްގެން 2012 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ ކާމިޔާބު ކޮންފަރެންސެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް