ރާއްޖޭގައި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ރާއްޖޭން ބޭރުގެ ކޮންޓްރެކްޓަރުން ދައްކަންޖެހޭ ވިތުހޯލްޑިން ޓެކްސް ދެގުނައަށް ބޮޑުކުރުމަށް އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ހުށަހެޅުއްވި މި ބިލު މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކުރުމަށްފަހު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުންގެ އިއްތިފާގުންނެވެ.
މި އިސްލާހުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ކޮންސްޓްރަކްޝަން މަޝްރޫއުތަކަށް ވާދަކުރުމުގައި ދިވެހި ވިޔަފާރިތަކަށާއި ވަޒަންވެރިވެފައިނުވާ ބޭރުގެ ކޮންޓްރެކްޓަރުންނާ ދެމެދު ހަމަހަމަ އަދި ވާދަވެރި މާހައުލެއް ގާއިމުކޮށްދިނުމެވެ.
މި އިސްލާހާއެކު، ރާއްޖޭން ބޭރުގެ ކޮންޓްރެކްޓަރަކަށް ފައިސާ ދައްކާއިރު ވިތުހޯލްޑިން ޓެކުހުގެ ގޮތުގައި އުނިކުރަންޖެހޭ އިންސައްތަ ވަނީ ކުރިން އޮތް %5 އިން %10 އަށް ބޮޑުކޮށްފައެވެ. އަދި ވަޒަންވެރިވެފައިނުވާ ފަރާތަކަށް ދާއިމީ މަރުކަޒެއް މެދުވެރިކޮށް ލިބޭ އާމްދަނީއަކުން ނެގޭ ވިތުހޯލްޑިން ޓެކްސްއަކީ އެ ފަރާތުން ދައްކަންޖެހޭ ފުރިހަމަ ޓެކްސް ކަމަށް ބެލެވޭނެއެވެ.
ޓެކްސް ދައްކާ ފަރާތުން އެގޮތަށް އަމަލުކުރަން އިހްތިޔާރުކޮށްފިނަމަ، އެ އާމްދަނީ ހިސާބުކުރުމުގައި އިތުރު އެއްވެސް އަދަދެއް އުންޏެއް ނުކުރެވޭނެއެވެ. ސަރުކާރުން އަންދާޒާކުރާ ގޮތުގައި މި އިސްލާހަށް އަމަލުކުރަން ފެށުމުން ދައުލަތުގެ އާމްދަނީއަށް އަހަރަކު އެވްރެޖުކޮށް 251 މިލިއަން ރުފިޔާ އިތުރުވެގެންދާނެއެވެ.




