ރީޖަނަލް އެއާޕޯޓްސް އާއި އެމްއޭސީއެލް އެއްކޮށްލުމުން މަހަކު 10 މިލިއަން ރުފިޔާ ސަލާމަތްކުރެވިއްޖެ

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އެއްކޮށްލުމާ ގުޅިގެން މުވައްޒަފުންނާއި ހިންގުމުގެ ހަރަދުން މަހަކު 10 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ސަލާމަތް ކުރެވިފައިވާ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ޒަރީރް ވިދާޅުވީ، ސަރުކާރުގެ ކުންފުނިތައް އިސްލާހުކުރުމުގެ ޕްރޮގްރާމްގެ ދަށުން، މަގްސަދު ހާސިލުނުވާ އަދި ދައުލަތުގެ ބަޖެޓަށް ބަރޯސާވާ ކުންފުނިތައް އުވާލުމާއި އެއްކޮށްލުމުގެ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން މިހާރު އުވާލާފައިވާއިރު، އެމްއައިޓީޑީސީ އުވާލުމުގެ އިދާރީ މަސައްކަތްތައް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ މައިގަނޑު އަމާޒަކީ ދައުލަތުގެ ކުންފުނިތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭ ތަންތަނަށް ހެދުމާއެކު، އިގްތިސާދީ ހަރަކާތްތަކުގައި އަމިއްލަ ވިޔަފާރިތަކަށް އޮތް ފުރުސަތުތައް ފުޅާކޮށްދިނުން ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން، އަމިއްލަ ވިޔަފާރިތައް ކުރިއަރުވައި ރައްޔިތުން އިގްތިސާދުގައި ބައިވެރިކުރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، 600 މިލިއަން ރުފިޔާގެ "ކުމެވި" ފަންޑުގެ މައިގަނޑު ބޭނުމަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީ، ޒުވާނުންނަކީ އަމިއްލައަށް ވަޒީފާގެ ފުރުސަތުތައް އުފައްދާ ބަޔަކަށް ހެދުން ކަމަށެވެ. އަދި އެސްއެމްއީ އިމްޕެކްޓް ފަންޑަކީ ސަރުކާރުގެ ނިޒާމަށް ބަރޯސާވުން ކުޑަކޮށް، ޒުވާނުންނަށް ބޭނުންވާ ރައުސްމާލު ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް