ލ. މާވަށު ބިން ހިއްކުމުގެ މަޝްރޫއުގެ ފުރަތަމަ ފޭސްގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފި

ލ. މާވަށު ބިން ހިއްކުމާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފޭސްގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި މަޝްރޫއަކީ މާވަހަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ހޯދައިދީ، ރަށުގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް މަގުފަހިކުރުމުގެ ގޮތުން ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. ޖުމްލަ 61.46 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޓީސީސީން ސައިޓުގައި ރަސްމީކޮށް ފަށާފައިވަނީ 2024 ވަނަ އަހަރުގެ އެޕްރީލް މަހުގެ 16 ވަނަ ދުވަހުއެވެ.

މި މަޝްރޫއުގެ ދަށުން މާވަހުން 15 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ފޭސްގެ ބިން ހިއްކުމުގެ މަސައްކަތް ނިމުމާއެކު ރަށުގެ ތަރައްގީއަށް ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމުކުރުމަށް ވަނީ މަގުފަހިވެފައެވެ.

ބިން ހިއްކުމުގެ އިތުރުން، ފުޅާ ދާއިރާއެއްގައި ސޭންޑް ސާޗް ސަވޭ ކުރުމާއި، ގިރާ ސަރަހައްދުތައް ހިމާޔަތްކުރުމަށްޓަކައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްތައްވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

އެމްޓީސީސީން މައުލޫމާތު ދޭގޮތުގައި، ފުރަތަމަ ފޭސް ނިމިގެންދިޔުމާއެކު ކުރިއަށް ހުރި ފޭސްތަކުގެ މަސައްކަތްތައްވެސް ތާވަލާ އެއްގޮތަށް އަވަސް މިނެއްގައި ކުރިއަށްދާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް