ހިންނަވަރު ފިހާރައަކުން ވައްކަންކުރި މީހާ ހައްޔަރުކޮށް، ވަގަށްނެގި ތަކެތި ހޯދައިފި

ޅ. ހިންނަވަރު ފިހާރައަކުން މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ވައްކަންކުރި މައްސަލައެއްގައި، އުމުރުން 39 އަހަރުގެ މީހަކު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އެ ރަށު ތަރިފިޔަޖަހާގެ، ރިފްޒާނު މޫސާއެވެ. ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވި ގޮތުގައި، މި މައްސަލަ 16 ވަނަ ދުވަހުގެ ހެނދުނު ހުށަހެޅުމާ ގުޅިގެން، ފިހާރައާއި އެ ސަރަހައްދުގެ ބައެއް ގޭގޭގެ ސީސީޓީވީ ފުޓޭޖުތައް ބަލައި ތުހުމަތުކުރެވޭ މީހާ ވަނީ ދެނެގަނެފައެވެ.

ފުލުހުން ކޯޓު އަމުރެއްގެ ދަށުން ރިފްޒާނު ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު، އެ ފިހާރައިން ވަގަށްނެގި ކަމަށް ބެލެވޭ 5 މޯބައިލް ފޯނާއި 6 ކާޓޫނު ސިނގިރެޓް ވަނީ ފެނިފައެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ބަންދަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް