ނޭޝަނަލް ސާވިސް ފުރިހަމަކޮށްފައިވާ ކުދިންނަށް ކުރިމަތިލެވޭގޮތަށް ކަސްޓަމްސްއަށް 26 މުވައްޒަފުން ހޯދަނީ
ދިވެހިރާއްޖޭގެ ނޭޝަނަލް ސާވިސް ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ޒުވާނުންނަށް ވެސް ކުރިމަތިލެވޭ ގޮތަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް 26 މުވައްޒަފުން ހޯދަން އިއުލާނުކޮށްފިއެވެ.
އެ އިދާރާއިން ހުޅުވާލާފައިވަނީ އެސިސްޓަންޓް ކަސްޓަމްސް އޮފިސަރު ޓްރެއިނީގެ މަގާމުތަކަކަށެވެ. މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހިނގާ އޮގަސްޓް މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ކަސްޓަމްސްއިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ވަޒީފާއަށް ހޮވޭ މުވައްޒަފުންނަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 5،000 ރުފިޔާ ލިބޭނެއެވެ.
މީގެ އިތުރުން މަގާމުގެ އެލަވަންސްގެ ގޮތުގައި 4،660 ރުފިޔާ އާއި އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް ހާޒިރީ އިނާޔަތުގެ ގޮތުގައި 75 ރުފިޔާ ލިބޭނެ ކަމަށް އެ އިދާރާއިން ފާހަގަކުރެއްވިއެވެ. މި މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން މަދުވެގެން ދެ މާއްދާއިން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ދިވެހި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން ހިމެނެއެވެ. ނުވަތަ ކަސްޓަމްސްގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު ދިވެހި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމަނާފައިވެއެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެ ނޭޝަނަލް ސަރވިސް ޕްރޮގްރާމް ނުވަތަ އެފަދަ ކަސްޓަމްސްގެ މަސައްކަތާ ގުޅުންހުރި ގައުމީ ޕްރޮގްރާމެއް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައިވާ ފަރާތްތަކަށް ވެސް މި ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ތަނަވަސްކޮށްދީފައެވެ. މި ވަޒީފާގެ ފުރުސަތުތައް ހުޅުވާލާފައިވަނީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް