ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު

2018 ވަނަ އަހަރުގެ ނިޔަލަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި (އެސްއޯއީ) 18،676 މުވައްޒަފުން ތިބިއިރު، 2019 އިން 2023 އަށް އެ އަދަދު %100 އިތުރުވެ، 2023 ގެ ނިޔަލަށް ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ވަނީ 36،729 އަށް އަރައިފައެވެ. މިއީ 18،503 މުވައްޒަފުންގެ އިތުރުވުމެކެވެ.

މީގެއިތުރުން 2024 އިން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް މި ސަރުކާރުން ކުންފުނިތަކަށް އިތުރުކުރީ 4،938 މުވައްޒަފުންނެވެ. އެއާއެކު ދައުލަތުގެ ކުންފުނިތަކުގައި މިހާރު ޖުމްލަ 41،667 މުވައްޒަފުން ތިބިކަން ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވަނީ ހާމަކުރައްވައިފައެވެ.

ރާއްޖޭގައި މިހާރު އޮތީ ބޮޑުވެފައިވާ ޕަބްލިކް ސެކްޓަރެއް ކަން ފާހަގަކުރައްވައި، އިޤްތިޞާދީ ފިސްކަލް ޙާލަތަށް ބަލައި ކުންފުނިތައް ރައިޓްސައިޒް ކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް، މުވައްޒަފުންގެ ސިޔާސީ ފިކުރަށް ބަލައި ވަޒީފާއިން ވަކިކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި، އެފަދަ އެންގުމެއް ކުންފުނިތަކަށް އަންގާފައި ނުވާނެ ކަމަށް ވިދާޅުވިއެވެ. އަދި ކުންފުނިތައް ރައިޓްސައިޒް ކުރާއިރު މުވައްޒަފަކު ވަކިކުރާނަމަ، އެ މީހަކު ހިދުމަތްކުރި މުއްދަތަށް ބަލައި ރިޑަންޑެންސީ ޕެކޭޖެއް ދެމުންދާނެ ކަމަށް ހާމަކުރެއްވިއެވެ. ކުންފުނިތަކުގެ އާމްދަނީއާއި ޚަރަދުތައް ދެކޮޅުޖެހޭ ގޮތަށް ހިންގުމަށް އަންގަމުންދާއިރު، އެސްއޯއީތަކުގެ މުވައްޒަފުން %33 މަދުކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ ކުންފުނިތަކަށް އަންގައިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް